ފެނަކަ ކޯޕަރޭޝަނުން ދޭ ހިދުމަތްތަކުގެ ބިލްތަކަށް ސަބްސިޑީ ލިބޭނެ ކަމަށް ބުނެ، އެ ކުންފުނީގެ ނަމުގައި އޮޅުވާލައިގެން ހަދާފައިވާ ލިންކެއް މިހާރު ދައުރުވަމުންދާ ކަމަށް އެކުންފުނިން ބުނެފިއެވެ.
މިކަމާ ގުޅިގެން ފެނަކައިން ރޭ ނެރުނު ބަޔާނެއްގައި ފެނަކަ އިން ވަނީ، އެ ކުންފުނީގެ ނަމުގައި ސޯޝަލް މީޑިއާގައި ޕޭޖެއް ހިންގަމުންދާ ކަމާއި، އެ ޕޭޖުން ބިލްތަކަށް ސަބްސިޑީ ދޭނެ ކަމަށް ބުނާ ކަމުގެ މައުލޫމާތު އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ.އެ ކުންފުނިން އިތުރަށް ބުނެފައި ވަނީ، މިފަދަ ޕޭޖްތައް ހިންގުމުގައި ފެނަކައިގެ އެއްވެސް ބައިވެރިވުމެއް ނުވާ ކަމަށެވެ. އަދި ފެނަކައިން އެއްވެސް އަމިއްލަ ފަރާތަކަށް ލިންކް ފޮނުވައިގެން ނުވަތަ އެނޫންވެސް ގޮތަކުން ފައިސާގެ މުއާމަލާތްތައް ނުކުރާނެ ކަމަށް އެ ކުންފުނިން ވަނީ ޔަގީންކަން ދީފައެވެ.
ފެނަކައިގެ ބަޔާނުގައި ބުނެފައި ވަނީ، އެ ކުންފުނިން ފައިސާގެ މުއާމަލާތްތައް ހިންގާނީ ހަމައެކަނި އެ ކުންފުނީގެ ނަމުގައި ރަސްމީކޮށް ހަދާފައިވާ އެކައުންޓްތައް މެދުވެރިކޮށް ކަމަށެވެ. އެހެންކަމުން، އޮޅުވާލައިގެން ފައިސާ ހޯދުމަށް ހިންގާ މިފަދަ ހަރަކާތްތަކަށް ރައްޔިތުން ސަމާލުވުމަށް ފެނަކައިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ލިންކެއް ނުވަތަ ފޯނުކޯލެއް ލިބިއްޖެނަމަ، އެކަމާ ބެހޭ ފަރާތްތަކަށް ވީހާވެސް އަވަހަށް ރިޕޯޓް ކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.