ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް މަގުތައް ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މިމަހުގެ ތިން ވަނަ ދުވަހު މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ. މިކަމުގެ އެއްބަސްވުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު އެވެ. އަދި ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒޫ ވީޑޮންގ އެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މިހާރު ނުނިމި ހުރި ފަސް މަގެއް ތަރައްގީކޮށް، ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްތައް ކައިރިން އޮތް މަގު ތަރައްގީކުރުމަށް ވަނީ ހަވާލުކޮށްފަ އެވެ. މި މަސައްކަތުގައި ޖުމްލަ 1.1 ކިލޯމީޓަރުގެ މަގުގެ ސަރަހައްދުގައި ތާރު އަޅައިގެން ތަރައްގީކުރާނެ އެވެ.

މީގެއިތުރިން، ހުޅުމާލޭގައި މީގެކުރިން ހަދާފައިވާ މަގުތަކުގެތެރެއިން، ހަލާކުވެފައިވާ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ. އެގޮތުން، ހުޅުމާލޭގެ ފިތުރޯނު މަގާއި އެހެން ބައެއް މަގުތައް މަރާމާތުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއުގެ ތެރެއިން، ފުރަތަމަ ފިޔަވަހީގައި މިހާރު ތާރު އަޅާފައި ނެތް ހުރިހާ މަގެއް ތަރައްގީކޮށް، މަޝްރޫއުގެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ.

މަގުތައް ތަރައްގީކުރުމުގެ މި މަޝްރޫއުގެ ސަބަބުން ހުޅުމާލޭގެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބޭނެކަމުގައި އެޗްޑީސީން ފާހަގަކުރެ އެވެ.