ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިޓިން ރޫމުގައި ފްރަންޓް އޮފީސް ހައްދަވައިގެން ފުލުހުންގެ ވާހަކަ ދެއްކުމުގެ ބަދަލުގައި 5 އަހަރުގެ ރިޔާސީ ދައުރުގައި އެކަން ކުރެއްވިނަމަ މިހާރު އޮންނާނީ ރައްޔިތުންގެ އިތުބާރު ކުރާ ފުލުހުންގެ މުއައްސަަސާއެއް ކަމަށް ހޯމް ލޭންޑް ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ ޕާޓީ ޕީއެންއެފްއިން ކުރިއަށް ގެންދިޔަ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ އިހުސާންގެ މަސައްކަތަކީ ފުލުހުން ދިފާއު ކުރެއްވުން ކަމަށާއި އެހެންނަމަވެސް އިހްސާން އެކަން ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ފުލުހުންގެ ވާހަކަ ދައްކަވާއިރު ފުލުހުންގެ މުއައްސަސާ ދިފާއު ކުރައްވަން ޖެހޭނީ އިހްސާނަށް ކަމަށާއި އެހެންނަމަވެސް އިހްސާން ކުރައްވާ ކަމަކީ ފެތެމުން ދާ އޮޑިއެއް އިތުރަށް ފައްތާލުން ކަމަށް ކަމަށް ޔާމީން ވިދާޅުވެފައިވެ އެވެ.
ރައީސް ޔާމީންގެ މި ވާހަކަތައް ލިޔެފައިވާ ހަބަރެއްގެ ސްކްރީންޝޮޓެއް ހިއްސާކުރައްވައި އިހްސާން ވިދާޅުވީ ސިޓިން ރޫމުގައި އިންނަވާ ފުލުހުންގެ މުއައްސަސާގެ ވާހަކަ ދެއްކެވުމުގެ ބަދަލުގައި ވެރިކަމުގެ ފަސް އަހަރު ރައީސް އޮފީހުގައި ހުންނަވާ ފުލުހުންގެ ވާހަކަ ދެއްކެވިނަމަ މިހާރު އޮންނާނީ ރައްޔިތުން އިތުބާރު ކުރާ މުއައްސަސާއެއް ކަމަށެވެ.
މި ފަސް އަހަރު ނިމިގެންދާއިރު ފުލުހުންގެ މުއައްސަސާ ވެގެންދާނީ ރައްޔިތުން ފުރިހަމައަށް އިތުބާރު ކުރާ އަދި ރައީސް ޔާމީން ވެސް ފަހުރުވެރިވެވަޑައިގަންނަވާ ފަދަ މުއައްސަސާއަކަށް ކަމަށް އިހްސާން ވިދާޅުވި އެވެ. ފުލުހުންގެ ތެރޭގައި ގިނައީ ގައުމީ ހިދުމަތުގެ ރޫހު ހުރި، މި ވަތަން ދެކެ ލޯބިވާ ބޭފުޅުން ކަމަށް އިހްސާން ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވަނީ މުއައްސަސާއެއްގައި ހުރި ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރިކަން ދަނެ އެކަން ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަމާއެކުގައި ކަމަށް އިހްސާން ވިދާޅުވި އެވެ.