ތޫފާން "ޑިޓުވާ" ގެ ސަބަބުން ސްރީލަންކާއަށް ކުރިމަތިވެފައިވާ ދަތި ހާލަތުގައި އެގައުމުގެ ރައްޔިތުންނަށް އެހީވުމަށް ބޭނުންވާނެ ޒަރޫރީ ބައެއް ތަކެތި ޖަޕާނުން ލަންކާއަށް ހަދިޔާ ކޮށްފި އެވެ.

ޖަޕާނުން ލަންކާއަށް ފޭލިގެ އާއި ބާލިސް ފަދަ މިވަގުތަށް ބޭނުންވާނެ ތަކެތީގެ އެހީއެއް
ޖަޕާނުން ލަންކާއަށް ފޭލިގެ އާއި ބާލިސް ފަދަ މިވަގުތަށް ބޭނުންވާނެ ތަކެތީގެ އެހީއެއް

ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ މެދުވެރިކޮށް، ޖަޕާން ސަރުކާރުން ވަނީ ޖުމްލަ 200 ފޭލިގެ ނުވަތަ ޓެންޓު، 1,200 ބާލީސް، 1,200 ސްލީޕިން ބޭގް، 20 ރޯލް ޕްލާސްޓިކް ޝީޓް، 200 ޕޯޓަބަލް ޕްލާސްޓިކް ޖެރީ ކޭން އަދި 10 ވޯޓަރ ޕިއުރިފަޔާ ފޯރުކޮށްދީފައެވެ. މި އެހީގެ ތަކެތި، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ރަށުގެ އެކި ހިސާބުތަކަށް އަސަރުކޮށްފައިވާ ރައްޔިތުންނަށް ބެހުމަށް ހަމަޖެހިފައިވެ އެވެ.

މިތަކެތި ޖަޕާނުގެ ސަރުކާރުގެ ފަރާތުން ހަވާލުކޮށްދެއްވީ ޖަޕާނުން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިއޯ އިސޯމާޓާ އެވެ. ލަންކާގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ އެ ގައުމުގެ ޑިފެންސް މިނިސްޓަރުގެ ނައިބު މުހުތަރަމް އަރުނާ ޖަޔަސެކަރާއާ އެވެ. މި ތަކެތި ހަވާލުކުރުން އޮތީ ސްރީ ލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.

ޖަޕާނުން ލަންކާއަށް ފޯރުކޮށްދިން އެހީ

މި ތަކެތި ފޯރުކޮށްދިނުމަކީ ޖަޕާނާއި ސްރީލަންކާއާ ދެމެދު އޮތް ގާތް ގުޅުމާއި ރަހުމަތްތެރިކަމުގެ ހެއްކެއް ކަމަށް ސަފީރު އިސޯމާޓާ ވިދާޅުވި އަދި ސްރީލަންކާގެ ރައްޔިތުންނަށް އެހީތެރިވުމަށް ޖަޕާނުން އޮތީ ތައްޔާރަށް ކަމަށާއި މި ދަތި ދަނޑިވަޅުގައި ޖަޕާނު ދެމިތިބޭނީ ސްރީލަންކާގެ ރައްޔިތުންނާ އެކުގައި ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، ޖަޕާނުގެ ޑިޒާސްޓަރ ރިލީފްގެ ފަރާތުން 31 މެމްބަރުންގެ މެޑިކަލް ޓީމެއް ވެސް ލަންކާގެ ރައްޔިތުންނަށް ބޭނުންވާ ކުއްލި ބޭސްފަރުވާގެ އެހީ ފޯރުކޮށްދިނުމަށް އެ ގައުމުގައި އަންނަނީ ހަރަކާތްތެރި ވަމުންނެވެ.