ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރި ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް 11 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ބުނެފި އެވެ.

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއްގައި ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ހައްލު ކުރުމަށް، "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް" ގެ ނަމުގައި ހާއްސަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފަ އެވެ. މިއީ އިކޮނޮމިކް މިނިސްޓްރީ އާއި ހޯމްލޭންޑް މިނިސްޓްރީ އަދި ފުލުހުންނާއި އިމިގްރޭޝަން ހިމެނޭ ގޮތަށް އެކުލަވާފައިވާ ޓާސްކް ފޯހެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިހާތަނަށް ބިދޭސީން ގަވާއިދާ ހިލާފަށް ހިންގަމުންދާ ވިޔަފާރިތަކާއި ގުޅޭ 125 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލަތަކުގައި މިހާތަނަށް 35 ތަނެއް ބަލައިފާސްކޮށްފައިވެ އެވެ. އެއީ 20 ކެފޭ އާއި، 12 ރީޓެއިލް ފިހާރަ އާއި، 2 ގަރާޖު އަދި 1 ގެސްޓްހައުސް އެވެ.

އޭގެތެރެއިން 11 ވިޔަފާރި ބަންދުކުރުމަށް ނޯޓިސް ދިން ސަބަބުތަކުގެ ތެރޭގައި، ވިޔަފާރި ކުރުމުގެ ހުއްދަ ނެތުމާއި، ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ ނެތުން ހިމެނެ އެވެ. މީގެ އިތުރުން ދިވެހިން ނިވާފަތްގަނޑަކަށް ހަދައި، ބިދޭސީން ހިންގާ ވިޔަފާރިތަށް ދެނެގަތުމަށް ތަހުގީގީ އިދާރާތަކުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިފަދަ ވިޔަފާރިތަކާ ގުޅޭ ތަފްސީލީ އަދި ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މިކަމުގައި މިހާތަނަށް އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް މިނިސްޓްރީން ޝުކުރު އަދާކޮށްފައިވެ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ފާހަގަވާނަމަ އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ކޮންމެ ވަގުތެއްގައިވެސް ރިޕޯޓް ކުރެވޭނެ އެވެ. މީގެ އިތުރުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އާއި ރޭގަނޑު 8:00 އާ ދެމެދު، މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 3333199 އަށް ގުޅައިގެން ރިޕޯޓް ކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ، ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓެއް އެކުލަވާލާފަ އެވެ. އެ ލިސްޓުގައި 34 ދާއިރާއެއް ހިމަނާފައިވެ އެވެ.

ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމަވާ، މިފަދަ ވިޔަފާރި ރިޕޯޓްކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ، ރައްޔިތުން ނުހަނު ކަންބޮޑުވާ ޒަމާންވީ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް ލިބުނު އިތުރު ބާރެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ. އަދި މިފަދަ ކޮންމެ ކަންބޮޑުވުމެއް ހައްލުކުރެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.