މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މީޑިއާ މައުރަޒު 2025، މިއަދު ހަވީރު ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ މައުރަޒު ފަށައިފި
އިސްލާމިކް މިނިސްޓްރީގެ މީޑިއާ މައުރަޒު ފަށައިފި

މީޑިއާ މައުރަޒު ރަސްމީކޮށް ފެށުމަށްޓަކައި މިއަދު ހަވީރު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، މައުރަޒު ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހީމް ހަލީލް އާއި، އިސްލާމިކް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި މައުރަޒަކީ އިސްލާމިކް މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯއިން އިސްނަގައިގެން، މިނިސްޓްރީގެ ސެކްޝަންތަކާއި ގުޅިގެން ކުރިއަށް ގެންދާ މައުރަޒެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިއީ ސެކްޝަންތަކުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މައުލޫމާތާއި، ކުރެވެމުންދާ މުހިއްމު މަސައްކަތްތަކާއި މަޝްރޫއުތަކާއި ގުޅޭ މައުލޫމާތު އާއްމުންނާއި މީޑިއާތަކަށް ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ މީޑިއާ މައުރަޒެއް ކަމަށެވެ.

މި މައުރަޒުގެ އެކި ސްޓޯލްތަކުން ކުޑަކުދިންނާއި ގުޅޭ ޝައުގުވެރި އެކި ހަރަކާތްތައްވެސް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން، މޮސްކު މެނޭޖްމެންޓް ސެކްޝަނުން، މިމްބަރުގައި ޚުޠުބާ ކިޔުމުގެ ފުރުސަތު ތުއްތު ކުދިންނަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

މީޑިއާ މައުރަޒު މިއަދު ހަވީރު 16:00 އިން 18:00 އަށް ކުރިއަށްދިޔައިރު، މާދަމާ ހެނދުނު 10:00 އިން ހަވީރު 18:00 އާއި ހަމައަށް މައުރަޒު ކުރިއަށްދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މި މައުރަޒުގައި ޒުވާން ޚަޠީބުން ތަމްރީން ޕްރޮގްރާމުގެ ފަސް ވަނަ ބުރުގައި ރަޖިސްޓްރީވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ. މީގެ އިތުރުން ޝައިޚުންނާއި ކުރަން ބޭނުންވާ ސުވާލުތައް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފައިވެ އެވެ.