އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހަތާނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ރޭ ބުނީ މި އޮޕަރޭޝަންގެ ތެރެއިން ކޯޓު އަމުރެއްގެ ދަށުން އައްޑޫ ސިޓީގެ 10 ތަނެއް ފުލުހުން ބަލައި ފާސްކޮށްފައިވާކަމަށެވެ. އަދި މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާކަމަށާއި، މި މީހުންގެ ތެރެއިން ހަ މީހަކު ކޯޓަށް ހާޒިރުކުރެވި ބަންދުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިތުރު މީހަކު އިއްޔެ ވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކޮށްފަ އެވެ. އެގޮތުން، ސ. ހިތަދޫ / ގުލްކަނދުގެ، ހަސަން ނަޒީފް (36އ) އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
މި މަހުގެ 3 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ފަސް މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެއީ، އަލީ ނަދީމް، ހާފިޒު ފައުޒީ، އިބްރާހީމް ސިރާޖު، ހަސަން އަލްފާފް އަދި އަމީން މުހައްމަދެވެ. ފުލުހުން ބުނި ގޮތުގައި، ހިތަދޫއަށް ނިސްބަތްވާ މި ފަސް މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ނެޓްވޯކެއްގެ އިސް ފަރާތްތަކެވެ.
މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ނަދީމާއި ހާފިޒު އަދި ސިރާޖު 30 ދުވަހަށް، އަދި އަލްފާފާއި އަމީން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.