ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައި ހުރި ބޭނުން ނުކުރާ އުޅަނދުތަށް ނެގުމުގެ ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފި އެވެ.

ހުޅުމާލޭގައި ހުރި ބޭނުން ނުކުރާ އުޅަނދުތައް ނަގަނީ
ހުޅުމާލޭގައި ހުރި ބޭނުން ނުކުރާ އުޅަނދުތައް ނަގަނީ

ފުލުހުން ބުނީ، މިއީ ހުޅުމާލޭގެ މަގުތަކާއި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނަގައި ޓޯކޮށް، ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

އޮޕަރޭޝަން ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީނެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހެއިރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މަގުމައްޗަށް އުޅަނދުތައް ދޫކޮށްލުމުން ޕާކް ކުރުމަށާއި މަގު ބޭނުން ކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި ވިޔަފާރި އުސޫލުން ވިއްކުމަށް ގެންނަ އުޅަނދުތައްވެސް މަގުމައްޗަށް ދޫކޮށްލާފައި ހުންނަކަމުގައި ފާހަގަކޮށް، އެގޮތަށް ހުރި އުޅަނދުތައްވެސް ނެގުމަށް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.

މި އޮޕަރޭޝަން ކުރިއަށްގެންދަނީ ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި، ހޯމްލޭންޑް މިނިސްޓްރީ އަދި އެޗްޑީސީ ގުޅިގެންނެވެ. މީގެއިތުރުން، ޕަބްލިކް ވޯކްސް، އެމްޑަބްލިއުއެސްސީ، އެސްޓީއޯ، ވެމްކޯ، އެމްޕީއެލް، ސްޓެލްކޯ، އާރުޑީސީ، އެމްޓީސީސީ އަދި އެމްއޭސީއެލް ވެސް މި އޮޕަރޭޝަނުގައި ބައިވެރިވެ އެވެ.

މިއަދުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 އަދި 2 ގެ މަގުތަކާއި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި، ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި، އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ޓޯކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީމް ނަވީން ވަނީ ދެމެހެއްޓެނި ގޮތެއްގައި މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި މިކަމުގައި އެއްބާރުލުންދޭ ފަރާތްތަކަށް ކޮމިޝަނަރ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.