ގދ. ގައްދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އަމަލީ މަސައްކަތް ފެށުމަށް ގައްދޫގައި ބޭއްވި ރަސްމިއްޔާތުގައި އެމަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމްއެވެ.

މިމަޝްރޫޢުގެ ދަށުން 18،613 އަކަފޫޓްގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ބިނާކުރާނެއެވެ. އެއީ 30 އެނދުގެ ހޮސްޕިޓަލެކެވެ. އަދި 2563 އަކަފޫޓްގެ ސަރަހައްދެއްގައި 1 ފަންގިފިލާގެ އެހެނިހެން ޚިދުމަތްތައްދޭ ބްލޮކޮކާއި 3573 އަކަފޫޓްގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް ހަދާނެއެވެ.

މިއީ 101.70 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 600 ދުވަސްތެރޭގައެވެ.

ގައްދޫ ހޮސްޕިޓަލުގެ އައު އިމާރާތްތާއެކު މިހާރު ސިއްހީ މަރުކަޒެއް ހުންނަ ގައްދޫގައި ސިއްހީ ފަރުވާ ފުޅާވެ އަމިއްލަ ރަށުގައި ތިބެގެން ގިނަ ބަލިތަކަކަށް ބޭސްފަރުވާކުރެވޭނެ މަގުފަހިވެގެންދާނެއެވެ.