ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހެންވޭރު ރައްޔިތުންނާ މާދަމާ ރޭ ބައްދަލުކުރައްވާނެކަން ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވުން ޑިސެމްބަރު 7 ވާ އާދީއްތަ ދުވަަހުގެރޭ 20:30ގައި ކަލާފާނު ސްކޫލްގައި އޮންނާނެކަމަށެވެ. ހީނާގެ ޕޯސްޓުގައިވަނީ ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރައްވަން ބޭނުންވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރިޔަށްގެންދަވާ މިބައްދަލުކުރެއްވުމަށް ހެންވޭރުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

މިބައްދަލުވުންތަކުގައި ރައްޔިތުން ބޭނުންވާ ކަންކަން ސީދާ ރައީސަށް ހުށައެޅުމުގެ ފުރުޞަތު ލިބެއެވެ.

މާލޭގެ ހުރިހާ އަވަށްތަކުގައި ވަކިވަކިން ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފަވާއިރު، މިހާތަނަށް ވަނީ ވިލިމާލެ، މައްޗަންގޮޅި އަދި މާފަންނުގެ ރައްޔިތުންނާއެކު ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައެވެ. މިބައްދަލުކުރެއްވުންތަކުގައި ރައީސް ވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ ކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސްގެ ސިޔާސަތަކީ ކަންކަމުގައި އަބަދުވެސް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުންކަމަށް އެމަނިކުފާނު ވަނީ އެކިފަހަރުގެ މަތިން ވިދާޅުވެފައެވެ. ރައީސް ވަނީ އެ މަނިކުފާނުގެ ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ. ބައެއް ރަށްރަށަށް ދެ ފަހަރު ވެސް ވަޑައިގަތެވެ.