ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ކުރީގެ ނައިބުންނަށް ޢިނާޔަތް ދޭގޮތަށް ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް ހުށަހެޅި އިޞްލާޙު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، 2025 ޑިސެންބަރު 1 ވީ އާދީއްތަ ދުވަހު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކޮށްފައިވާ މީހުންނަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމު އަދާކޮށްފައިވާ ފަރާތްތަކަށް ދެވޭ ރައްކާތެރިކަމާއި ޢިނާޔަތްތައް ކަނޑައަޅައި، އެ ރައްކާތެރިކަމާއި ޢިނާޔަތްތައް ދިނުމާބެހޭ އުޞޫލުތައް ކަނޑައަޅައި، ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ބަޔާންކުރުމެވެ.

މި ޤާނޫނަށް ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ދެމުންގެންދިޔަ އޮފީސް ހިންގުމުގެ ޚަރަދު އުނިކުރުމާއި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އެ މީހަކު ދެވަނަ ދައުރަކަށް އިންތިޚާބުވުމާއި ދައުލަތުގެ އެނޫންވެސް މަޤާމަކާ ޙަވާލުވާނަމަ، އެ މަޤާމެއް އަދާކުރާ މުއްދަތުގެ ތެރޭގައި ޢިނާޔަތް ލިބުން މެދުކެނޑޭނެކަމަށް ވަނީ ކަނޑައަޅައި، ބަޔާންކޮށްފައެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ، އެ މުއްދަތުގައި އެ މީހަކަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ލާޒިމު ނޫންކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މީގެއިތުރުން، ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ރިޔާސަތުގެ ފަސް އަހަރުދުވަހުގެ ދައުރެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ލިބިދޭ ރައްކާތެރިކަމާއި ޢިނާޔަތްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ. އެގޮތުން، މާލީ ޢިނާޔަތެއްގެ ގޮތުގައި މަހަކު 30،000 ރުފިޔާ އާއި ދައުލަތުގެ ޚަރަދުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ޞިއްޙީ ޚިދުމަތް ލިބިދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

ހަމައެއާއެކު، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އެ މީހެއްގެ މަޤާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވާ ވަގުތުން ފެށިގެން އޭނާއާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް މި ޤާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި ޢިނާޔަތެއް ނުލިބޭނެކަމަށްވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.