މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް ވޭޕާ ގުޅޭ 500 އަށްވުރެ ގިނަ އައިޓަމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖްގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 5 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި ބަލައިފާސްކުރި ދެގޭގެ ތެރެއިން އެއް ގެއިން 190 ފްލޭވަރޑް ކާޓްރިޖް، 9 ނެނޯ ސްޓިކް އަދި ޑިސްޕޮސަބަލް ޕޮޑެއް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އަދި އަނެއް ގެއިން 331 ފްލޭވަރޑް ކާޓްރިޖް، 6 ރިފިލް ކާޓްރިޖް އަދި 7 ޕޮޑް ފެނިފައިވާ ކަމަށާއި، އެ ދެގެއިން ޖުމްލަ 544 އައިޓަމެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މަހުގެ 5 ވަނަ ދުވަހު ފުލުހުން ހިންގި އިތުރު އޮޕަރޭޝަނެއްގައި ވެސް ވޭޕާއި ވޭޕް ކާޓްރިޖް ހިމެނޭހެން 148 އައިޓަމެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެ އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި އެކަކު ޖޫރިމަނާކޮށް، ވޭޕް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
ވޭޕް އަދި ވޭޕް ކާޓްރިޖަކީ ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާކޮށްފައިވާ ތަކެއްޗެވެ.