މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 65،000 މެޓްރިކް ޓަނުގެ މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީން އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެއިން 65،467 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ. މިދިޔަ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 33،968 މެޓްރިކް ޓަނުގެ މަހެވެ. އެހެން ކަމުން މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 31،499 މެޓްރިކް ޓަނު އިތުރުވުމެކެވެ.
ރާއްޖެއިން މި އަހަރު އެންމެ ގިނައިން އެކްސްޕޯޓް ކުރީ ކަޅުބިލަ މަހެވެ. އެ ގޮތުން އޮކްޓޫބަރު މަހުގެ ނިޔަލަށް 50،564 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި 19،557 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ވަނީ އެކްސްޕޯޓް ކޮށްފައެވެ.
ރީނދޫ އުރަހަ ކަންނެލީގެ ގޮތުގައި މި އަހަރު 7،534 މެޓްރިކް ޓަނުގެ މަސް ބޭރުކުރިއިރު މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 5،067 މެޓްރިކް ޓަނުގެ މަސް ބޭރުކުރި އެވެ.