މިދިޔަ ނޮވެމްބަރު މަހު އަސާސީ ކާބޯތަކެތީގެ އަގުތައް ދަށްވެފައިވާ ކަމަށް ސްޓެޓިސްޓިކް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ސްޓެޓިސްޓިކް ބިއުރޯގެ އެސެންޝިއަލް ކޮމޯޑިޓީސް އިންޑެކްސް ރިޕޯޓުގައިވާ ގޮތުން އޮކްޓޯބަރު މަހާ އަޅާބަލާއިރު މައިގަނޑު ހުރިހާ ބާވަތްތަކެއްގެ އަގުތައް ވަނީ %0.69 ދަށްވެފަ އެވެ.
މި ރިޕޯޓުން އެނގޭ ގޮތުގައި، ކެއުމަށް ބޭނުން ކުރާ ބާވަތްތަކުގެ އަގުތައް ވަނީ ނޮވެމްބަރު މަހުގެ ތެރޭގައި %1.11 ދަށްވެފަ އެވެ. ނަމަވެސް ބުއިމަށް ބޭނުންކުރާ ތަކެތީގެ އަގުތައް ވަނީ %0.55 އަށް އިތުރުވެފަ އެވެ.
ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން ކުކުޅާއި މަހުގެ ބާވަތްތަކުގެ އަގުތައް މިދިޔަ މަހުގެ ތެރޭގައި %0.04 އަށް ދަށްވެފައިވާއިރު، ކަނޑުމަހުގެ ބާވަތްތަކުގެ އަގުތައް %0.41 އަށް ދަށަށް ގޮސްފައިވެ އެވެ. އަދި ބިހާއި ކިރުގެ ބާވަތްތަކުގެ އަގުތައް %0.80 އަށް ދަށްވެފައިވެ އެވެ.
މީގެއިތުރުން، މޭވާގެ ބާވަތްތަކުގެ އަގުތައް %4.50 އަދި ތަރުކާރީގެ ބާވަތްތަކުގެ އަގުތައް %0.76 އަށް ވަނީ ދަށަށް ގޮސްފަ އެވެ.
ކާން ބޭނުންކުރާ ތެލާއި ޗީޒްގެ ބާވަތްތަކުގެ އަގުތައް މިދިޔަ މަހު ވަނީ، %0.19 ދަށަށް ގޮސްފަ އެވެ. އަދި ތެލާއި ގޭހުގެ އަގުތައް %0.83 ދަށަށް ގޮސްފައިވާކަން ފާހަގަކޮށްލެވެ އެވެ.