އެމެރިކާގެ މޭޖާ ލީގު ސޮކާ ކަޕްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް އިންޓަ މަޔާމީން ހޯދައިފި އެވެ.

ލިއޮނަލް މެސީގެ ކެޕްޓަންކަމުގައި ކުޅޭ މަޔާމީން އެމްއެލްއެސް ކަޕް ކާމިޔާބުކުރީ ރޭ 3-1 އިން ވެންކޫވާ ވައިޓްކެޕްސް ބަލިކޮށްގެންނެވެ. ވެންކޫވާއަކީ ޖަރުމަނުގެ ތަޖުރިބާކާރު މިޑްފީލްޑަރު ތޯމަސް މުލާ ކުޅެމުން އަންނަ ޓީމެވެ.

ފްލޮރިޑާގެ ޗޭސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ހަވަނަ މިނެޓުގައި މަޔާމީއަށް ލީޑު ލިބުނީ، އެ ޓީމުގެ ޓަޑެއޯ އަޔެންޑޭ ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ވެންކޫވާގެ އެޑިއާ އޮކަމްޕޯ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ވެންކޫވާއަށް އެއްވަރުކޮށްދިނީ އަލީ އަހްމަދެވެ. ނަމަވެސް 71 ވަނަ މިނެޓުގައި މެސީ ދިން ބޯޅައަކުން ރޮޑްރީގޯ ޑި ޕޯލް ވަނީ މަޔާމީއަށް އަލުން ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި މަޔާމީއަށް ތަށި ޔަގީންކޮށްދިން ލަނޑު އަޔެންޑޭ ޖެހި އިރު، މި ލަނޑު ޖަހަންވެސް ފުރުސަތު ތަނަވަސްކޮށްދިނީ މެސީ އެވެ.

މިއީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އޭނާގެ ކެރިއަރުގައި ހޯދި 48 ވަނަ ތައްޓެވެ. 2023 ވަނަ އަހަރު މެސީ މަޔާމީއަށް ބަދަލުވި ފަހުން އެ ޓީމުން ވަނީ ލީގްސް ކަޕާއި ސަޕޯޓާސް ޝީލްޑާއި އީސްޓަން ކޮންފަރެންސް ވެސް ކާމިޔާބުކޮށްފަ އެވެ.

މަޔާމީން އެމްއެލްއެސް ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު، މިއީ އެ ޓީމުގެ ޖޯޑީ އަލްބާ އާއި ސާޖިއޯ ބުސްކެޓްސްއަށް ހާއްސަ ކާމިޔާބީއެކެވެ. މީގެ އަހަރުތަކެއް ކުރިން މެސީއާއެކު ބާސެލޯނާގައި ކުޅުނު ސްޕެއިންގެ މި ދެ ލެޖެންޑުން ވަނީ މި ސީޒަނަށް ފަހު ކުޅުން ހުއްޓާލަން ނިންމާފަ އެވެ.