ތިނަދޫ ސިޓީއަށް ބޯކޮށް ވާރޭވެހި، ގެތަކަށް ފެން ވަދެ ގެއްލުން ވެއްޖެއެވެ.
ތިނަދޫ ސިޓީ ކައުންސިލުން ބުނީ ފެން ބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ސިޓީ ކައުންސިލާއި އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ރެއިން ފެށިގެން ކުރަމުން އަންނަ ކަމަށެވެ.
ބޯކޮށް ވާރޭވެހި ތިނަދޫ ސިޓީގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރު ސްޓޭޝަންގެ ފަޔާފައިޓަރުން ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
ފެން ބޮޑުވުމާ ގުޅިގެން އާންމު ހާލަތަށް އަދި އައިސްފައިނުވާ ކަމަށާ ލިބުނު ގެއްލުންތައް އެސެސްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ބުނީ ރެއިން ފެށިގެން މިއަދު ހެނދުނު 8:30އާ ހަމައަށް ބޯކޮށް ވާރޭވެހި، ގެތަކަށް ފެން ވަދެ ބައެއް ގެތަކުން ކަރަންޓު ކެނޑުނުކަމަށް ތިނަދޫ ސިޓީން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ސަލާމަތީ ފިޔަވަޅުތައް އަޅައި، ރައްކާތެރިވުމަށް ކަމާއި ބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.