ބައިނަލްއަގްވާމީ ބައިވެރިންނާއެކު ސުލްހަ އާއި އިންސާފާއި ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތް ކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޤަތަރުގައި ކުރިޔަށްދާ ދޯހާ ފޯރަމް 2025 އާ ގުޅޭގޮތުން އިއްޔެ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މިނިސްޓަރު ޚަލީލް ވިދާޅުވީ މި ފޯރަމްގައި މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި މި ފޯރަމްގެ ޒަރިއްޔާއިން ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާތައް ކުރިއަށްދާ ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި އަހަރުގެ ފޯރަމްގެ މައުޟޫއަކީ، "ޖަސްޓިސް އިން އެކްޝަން: ބިޔޯންޑް ޕްރޮމިސަސް ޓު ޕްރޮގްރެސް" އެވެ. މި މައުޟޫއުގެ ދަށުން، އެކި ދާއިރާތަކުން ކަނޑައަޅާފައިވާ ސިޔާސަތުތަކަށް އަމަލީ ސިފަ ގެނެސް އެކަންކަން ތަންފީޒުކުރުމާ ގުޅޭގޮތުން ފޯރަމްގައި މަޝްވަރާކުރެވޭނެ އެވެ.

ދެ ދުވަހަށް ކުރިއަށްދާ މި ފޯރަމްގައި 150 ގައުމަކުން، މިނިސްޓަރުންނާއި، ލީޑަރުންނާއި ޖަމިއްޔާ ޖަމާއަތްތަކާއި އެކި އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވެ އެވެ.

މިއީ ދޯހާ ފޯރަމް ބާއްވާ 23 ވަނަ ފަހަރެވެ. މި ފޯރަމް އެންމެ ފުރަތަމަ ބޭއްވީ 2000 ވަނަ އަހަރު އެވެ.

މި ފޯރަމަކީ، ދުނިޔެއަށް ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކާއި ގުޅޭގޮތުން ގައުމުތަކުގެ މެދުގައި މަޝްވަރާކޮށް، އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމުގެ ގޮތުން ބާއްވާ ފޯރަމެކެވެ.