ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެންމެ ޝަރަފްވެރި ދެ މަޤާމުކަމަށްވާ، ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ވިދިވިދިގެން ހަވަނަ އަހަރު އަދި ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަންގެ އެވޯޑު ދެވަނަ ފަހަރަށް ދިވެހިރާއްޖެއިން ދިފާޢުކޮށްފިއެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑެވެ. މި އެވޯޑުގައި ދުނިޔޭގެ ހުރިހާ ފަތުރުވެރި މަންޒިލުތަކެއް ވާދަކުރެ އެވެ. މި އެވޯޑު ކާމިޔާބުކުރާ ފަރާތްތައް ހޮވަނީ ސިނާއަތުގެ ތަޖުރިބާކާރުންނާއި، މުޅި ދުނިޔެއަށް ހުޅުވާލައިގެން ނެގޭ ވޯޓަކުންނެވެ. މިއީ ފަތުރުވެރިކަމުގެ މަންޒިލުތަކުގެ ފެންވަރު ވަޒަން ކުރުމުގައި ވެސް ގިނަ ބަޔަކު ބަލައިގަންނަ އެއް މިންގަނޑެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެންމެ ޝަރަފްވެރި ދެ މަޤާމުކަމަށްވާ، ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ވިދިވިދިގެން ހަވަނަ އަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެއަށް އޮތް އިތުބާރު ވަރުގަދަވެ، ރާއްޖެއަކީ ގިނަ މުޅި ދުނިޔެ ބަލައިގަންނަ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ބާރުލިބޭނެ މުހިންމު ކާމިޔާބީއެކެވެ. އަދި ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަންގެ އެވޯޑު ދެވަނަ އަހަރު ރާއްޖެއިން ކާމިޔާބުކުރުމަކީ ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށް ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުން ކުރާ މަސައްކަތްތައް ރަމްޒުކޮށްދީ މި މަސައްކަތުގައި ދެމިތިބުމަށް އިތުރަށް ހިތްވަރު ލިބޭނެ މުހިންމު ކާމިޔާބީއެކެވެ.
މި ކާމިޔާބީތައް ރާއްޖެއިން ހާސިލްކޮށްފައިވާއިރު، މިއަހަރަކީ ވެސް ފަތުރުވެރިކަމުގެ ރޮނގުން ރާއްޖެއިން މުހިންމު ރެކޯޑުތަކެއް ގާއިމްކޮށްފައިވާ އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް ދެމިލިއަން ފަތުރުވެރިން ޒިޔާރަތްކުރި މުއްދަތަށްވުރެ މަހެއްހާ ދުވަސް ކުރިން މިއަހަރުގެ ދެމިލިއަން ފަތުރުވެރިންގެ އަމާޒު ވަނީ ހާސިލް ވެފަ އެވެ. މިހާރު ރާއްޖެއިން ދަތުރުކުރަމުން އަންނަނީ 2.3 މިލިއަން ފަތުރުވެރިންގެ އަމާޒަށެވެ.
މިއަހަރުގެ ތެރޭގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން ވަނީ ރާއްޖެއިން ފަތުރުވެރިކަމުގެ އެންމެ މަތީ ފަންތީގައި ދެމެހެއްޓުމަަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ފުޅާ ދާއިރާއެއްގައި އެމްބެސެޑާޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމާއި، ތަފާތު ގިނަ ޑިޖިޓަލް ކެމްޕޭންތަކެއް ކުރިއަށް ގެންދިއުމާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ބޮޑެތި އެކްސްޕޯތަކާއި ތަފާތު ފެއާ އަދި ރޯޑްޝޯތަކުގައި ރާއްޖެ ތަމްސީލްކުރުން ފަދަ މުހިންމު މަސައްކަތްތަކާއި، ދުނިޔެ ބަލައިގަންނަ ބޮޑެތި ބްރޭންޑްތަކާ އެކު ޕާޓްނާޝިޕް
ގާއިމްކުރުން ހިމެނެ އެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން އަންނަނީ 2026 ވަނަ އަހަރަށް އަމާޒުކޮށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވަމުންނެވެ. އެގޮތުން މުޅި އަހަރަށް އަމާޒުކޮށް "އޯޝަން ނޭޝަން"ގެ ތީމުގެ ދަށުން ތަފާތު ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފަ އެވެ.
ރާއްޖެއިން ވޯލްޑް ޓްރެވަލް އެވޯޑްގެ ޝަރަފްވެރި ދެ މަގާމު ކާމިޔާބުކޮށްފައިވާއިރު، ސަރަހައްދީ ތިން އެވޯޑެއްވެސް ދިވެހިރާއްޖެއަށާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ވަނީ ލިބިފައެވެ. އެއީ:
އިންޑިއަން އޯޝަންސް ބެސްޓް މައިސް ޑެސްޓިނޭޝަން 2025: މޯލްޑިވްސް
- އިންޑިއަން އޯޝަންސް ބެސްޓް އިންސެންޓިވް ޑެސްޓިނޭޝަން 2025: މާލެ
- އިންޑިއަން އޯޝަންސް ބެސްޓް ޓޫރިޒަމް އޮތޯރިޓީ ވެބްސައިޓް: VisitMaldives.com
ރާއްޖެއަށް ވޯލްޑް ޓްރެވަލް އެވޯޑްސްގައި ލިބުނު ކާމިޔާބީގައި މިދާއިރާގެ މަސައްކަތްތެރިންނާއި، ސަރުކާރުގެ ކަމާގުޅުންހުރި މުވައްސަސާތަކާއި، އާއްމު ފަރުދުންނާއެކު އެކު މުޅި ސިނާޢަތް ހިއްސާވެއެވެ. މިއީ ރާއްޖެއަކީ ފަތުރުވެރިކަމުގެ ލީޑިން ޕްރިމިއަމް ޑެސްޓިނޭޝަނުގެ ގޮތުގައި ބައިނަލްއަގުވާމީ ދުނިޔެ ބަލައިގަނެ މި ރޮނގުން އިތުރު ކަންކަން ހާސިލްވާނެ މުހިންމު ކާމިޔާބީއެކެވެ.