ޖީއެސްޓީ އާއި އާމްދަނީ އިތުރުވެ، މާލީ ހާލަތު ރަނގަޅުވެފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ ނޮވެމްބަރު 27 ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުން، ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ، ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގެ ތަކެއްޗާއި ހިދުމަތްތަކުން ނެގޭ ޓީ-ޖީއެސްޓީ އާއި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި ލިބޭ އާމްދަނީ ވަނީ ވަރަށް ބޮޑަށް ކުރިއަރާފަ އެވެ.
ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 35.0 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 31.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.2 ބިލިއަން ރުފިޔާ ނުވަތަ 10.2 އިންސައްތަ އިތުރު އަދަދެކެވެ. މި މުއްދަތުގައި، ކުރީ އަހަރުގެ ޖުމްލަ ޑެފިސިޓާ އަޅައިބަލާއިރު ވަރަށް ބޮޑަށް ކުޑަވެ، ކުރީ އަހަރުގެ 10.2 ބިލިއަން ރުފިޔާއިން 1.4 ބިލިއަން ރުފިޔާއަށް ވަނީ ދަށްވެފަ އެވެ. މިއީ އާމްދަނީގެ ހާލަތު ވަރުގަދަވުމާއި، ހަރަދުތައް ކޮންޓްރޯލްކުރެވުމުގެ ނަތީޖާއެއް ކަމުގައި ފިނޭންސް މިނިސްޓްރީން ފާހަގަކުރެ އެވެ.
ސަރުކާރުގެ އާމްދަނީގެ މައިގަނޑު ބަޔަކީ ޓެކްސް ކަމަށްވާއިރު، ޓެކްސް އާމްދަނީ ވަނީ 24.0 ބިލިއަން ރުފިޔާއިން 26.1 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 2.1 ބިލިއަން ރުފިޔާ ނުވަތަ 8.8 އިންސައްތަ އިތުރުވުމެކެވެ.
ތަކެއްޗާއި ހިދުމަތްތަކުން ނެގޭ ޖީއެސްޓީއިން ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ޖުމްލަ ޖީއެސްޓީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރި 12.82 ބިލިއަން ރުފިޔާއިން 14.37 ބިލިއަން ރުފިޔާއަށް މި އަހަރު އިތުރުވެފައިވާއިރު، މިއީ 1.5 ބިލިއަން ރުފިޔާ ނުވަތަ 12.1 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން، ޓީ-ޖީއެސްޓީ 8.4 ބިލިއަން ރުފިޔާއިން 9.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 1.2 ބިލިއަން ރުފިޔާ ނުވަތަ 14.2 އިންސައްތަ އިތުރުވުމެއްކަން ފާހަގަކޮށްލެވެ އެވެ.
މީގެއިތުރުން، ޖުމްލަ ޓެކްސް ނޫން އާމްދަނީ 8.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ އެމުއްދަތުގައި ލިބުނު 7.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.4 ބިލިއަން ރުފިޔާ ނުވަތަ 19.0 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ހަރުމުދަލުގެ އާމްދަނީގެ ހިއްސާ ބޮޑުވެފައިވާއިރު، އެ ހަފުތާގައި އެންމެ ބޮޑު އިތުރުވުމެއް އައިސްފައިވާ އެއް ބަޔަކީ ބިން ވިއްކުމާއި ބަދަލުކުރުމަށް ނެގޭ ފީ އެވެ. އަދި ލޭންޑް އެކުއިޒިޝަން އާއި ކޮންވަރޝަން ފީ 437.2 މިލިއަން ރުފިޔާއިން 558.3 މިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 121.1 މިލިއަން ރުފިޔާ ނުވަތަ 27.7 އިންސައްތަ އިތުރު އަދަދެކެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ފައިސާ ޖަމާކުރުން ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފަ އެވެ. މިއީ ދައުލަތުގެ ބޭރު ފައިސާގެ ލިކުއިޑިޓީ ވަރުގަދަކުރުމާއި، މުސްތަގްބަލުގައި ދަރަނި އަދާކުރުމުގެ ގާބިލުކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ހާމަކޮށްދޭ ކަމެއް ކަމަށް މިނިސްޓްރީން ބުނެ އެވެ. މިދިޔަ މަހުގެ 27 އާ ހަމައަށް އެސްޑީއެފްއަށް ޖަމާކުރެވުނު ޖުމްލަ ފައިސާ 2.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޖަމާކުރެވުފައިވަނީ 1.3 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން މި އަހަރުގެ މިހާތަނަށް ޖަމާކުރެވުނު އަދަދަކީ ކުރީ އަހަރާ އަޅާބަލާއިރު 1.1 ބިލިއަން ރުފިޔާ ނުވަތަ 84.9 އިންސައްތަ އިތުރު އަދަދެކެވެ.
މީގެއިތުރުން ފާއިތުވި ހަފްތާގެ ނިޔަލަށް ޖުމްލަ ހަރަދުތައްވެސް ހުރީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު ދަށްކޮށް ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.