މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން ފައިސާ ހޯދައި، އެ ފައިސާތަކުގެ ތެރެއިން ބައެއް ނާގާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
މިި މައްސަލައާ ގުޅިގެން މި މަހުގެ 4 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ގ. މާލޭހިޔާ 1-16-03 / މާލެ، އަހްމަދު ހައްސާން (33އ) އެވެ.
ފުލުހުން ބުނީ މި މީހާ ހައްޔަރުކޮށްފައިވަނީ މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000ރ އަށް ވުރެ ގިނަ ފައިސާ ހޯދާފައިވާކަމަށް ނޮވެމްބަރު 30 ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ.
މި މީހާ އެކި ފަހަރު މަތިން މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ޖުމްލަ 150،300 ރުފިޔާ ހޯދައި، އެފައިސާގެ ތެރެއިން 75،000 ރުފިޔާ ނަގާފައިވާކަން މައްސަލައިގެ ތަހުގީގަށް އެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.