ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި އިބްރާހީމް ފަޒުލް ރަޝީދު އަދި އެ ކުންފުނީގެ އައި.ޓީ ޑިޕާޓްމަންޓުގެ ހެޑް އަބްދުﷲ ޝުހޫދުގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިވާ ނުވާތީ، މައްސަލަ ޑިކްލައިންކޮށްފައިވާ ކަމަށް ޕްރޮސެކިޔުޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.

ފަޒުލް އަދި ޝުހޫދުގެ މައްޗަށް ކުރަނީ އެ ކުންފުނީގެ ސާވާގައި ހުރި ލިޔުންތަކެއް ރިކަވަރ ނުކުރެވޭ ގޮތަށް ޑިލީޓްކޮށްފައިވާކަމުގެ ތުހުމަތެވެ.

މި މައްސަލާގައި އިބްރާހީމް ފަޒުލް ރަޝީދާއި، ޢަބްދުالله ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަކީ، ޖިނާއީ ތަހުގީގެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗްޑީސީގެ ސާވާގެ ތެރެއިން ޑިލީޓްކޮށްފައިވާތީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތެވެ. އެހެންނަމަވެސް އެޗްޑީސީގެ އައިޓީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި، އެޗް.ޑީ.ސީގެ ސަރވަރ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑާޓާއެއް ޑިލީޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ފުލުހުންގެ ތަހުގީގު ރިޕޯޓުގައި، އިބްރާހީމް ފަޒުލް ރަޝީދާއި، ޢަބްދުالله ޝުހޫދު، އެޗްޑީސީގެ ސާވާގެ ތެރެއިން އެއްވެސް ލިޔުމެއް ނައްތާލާފައިވާކަން ތަހުގީގަށް ހޯދިފައިނުވާކަމަށް ބަޔާންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

އެހެންކަމުން، އިބްރާހީމް ފަޒުލް ރަޝީދާއި ޢަބްދުالله ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައި ނުވާތީ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިޔުމަށް ނިންމާފައިވާ ކަމަށް ޕީޖީއިން ބުނެ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން ފަޒުލް އިސްތިއުފާ ދެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. އޭނާގެ އިސްތިއުފާ ސިޓީގައި އޭނާ ކުރި ކަމަށްބުނެ އާންމުން ކުރަމުންދާ ތުހުމަތުތަކަކަށް އިންކާރު ކުރައްވައި ކަމަށް ވިދާޅުވެފައިވެއެވެ.

"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ގޯތިތަކެއް ދިންކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައިވެ އެވެ. ގޯތި ދިންކަމަށް ބުނެ ދައުރުވ ލިސްޓުގައި ޝަރުތު ހަމަނުވިޔަސް ގޯތި ދޫކުރި މީހުންގެ ތެރޭގައި ފަޒުލްގެ ބޭބެ މުޙައްމަދު ފަޒީލް ރަޝީދު ހިމެނެ އެވެ. ފަޒީލް އޭރު ހުރީ މާލެ ވޯޓަރ އެންޑް ސެވަރެޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. ތުހުމަތުތަކާއެކު އެ ކުންފުނިން އޭނާ ވަނީ ވަކިކޮށްފަ އެވެ.

ތުހުމަތުތަކަށް އިންކާރު ކުރައްވައި ފަޒުލް ވިދާޅުވި ގޮތުގައި އޭނާ އެޗްޑީސީއަށް އައްޔަން ކުރި ފަހުން ކުރެއްވި އެންމެހާ މުއާމަލާތްތަކަކީ ކުންފުނީގެ ބޯޑުގެ ނިންމުންތަކާއި ކުންފުނީގައި ހެދި ޕޮލިސީތަކުގެ އިމުގެ ތެރެއިން ކުންފުނީގެ މަސްލަހަތު އިސްކޮށްގެން ކުރެއްވި މުއާމަލާތްތަކެކެވެ. "ބިންވެރިޔާ" ސްކީމާ ގުޅިގެން ކުންފުންޏަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމަށް ފަޒުލް ވިދާޅުވިއެވެ.

މަގާމުން ފަޒުލް އިސްތިއުފާދެއްވިއިރު އެންމެ މީހަކު ފިޔަވައ ފަޒުލް ހިމެނިވަޑައިގަންނަވާހެން އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެމްބަރުން ތިއްބެވީ ސަސްޕެންޝަނުގައެވެ. އަދި އެ ހުރިހާ ފަރާތްތަކެއްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ.