ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ގެއްލުނު މައްސަލައިގައި ފުލުހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އދ. ދިގުރަށް/ ޝަބުނަމީގެ، މުނައްވަރު އާދަަމް (39އ) އެވެ. އޭނާ އަކީ ފުލުހުންގެ ސީނިއަރ ސާޖަންޓް ރޭންކުގައި ހުރި މުވައްޒަފެކެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން މުނައްވަރު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ކުރިން ބުނެފައިވަނީ ގާނޫނާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން، ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 32 ކާޓަން ސިނގިރޭޓު ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި، އޭގެ ތެރެއިން 6 ކާޓަން ސިނގިރޭޓު މަދުވެފައިވާ ކަމަށެވެ. މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އެ ތަކެތި ކަސްޓަމްސްއާ ހަވާލުކުރަން ބެލި އިރު އޭގެ ތެރެއިން 6 ކާޓަން ސިނގިރޭޓު މަދުކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މީގެއިތުރުން، އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަލަމުން ދަނިކޮށް، ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 25 ކާޓަން ސިނގިރޭޓު މަދުވެފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން ފުލުހުން އޭރު ބުނީ އެ އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި އެއްވެސް ހާލަތެއްގައި ގެއްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ފުލުހުންގެ އަހުލާގީ މިންގަނޑުތަކާއި އަސާސީ އުސޫލުތަކާއި ހިލާފު އެފަދަ ކޮންމެ މައްސަލައަކީ ބޮޑު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދަނީ ފުލުހުންނާއި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.