ހަވާ އެރުވުމާއި، ޑްރޯން ޝޯ އަދި 'ފުޑް އެންޑް ކަލްޗާ ފެސްޓިވަލް' އާއެކު 2026އަށް މަރުހަބާ ކިޔައިފިއެވެ.
އައު އަހަރު ފާހަގަކުރުމުގެ ހަރަކާތްތައް ވަނީ މިމަހުގެ 30 ގައި ފަށާފައެވެ. މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލްގެ ނަމުގައި ސެންޓްރަލް ޕާކުގައި ފަށާފައިވާ އެ ހަރަކާތް މިއަދުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާއިރު ތަފާތު އެކި ކެއުންތައް ރަހަ ބަލާލުމަށް އެ ސަރަހައްދުގައި ސްޓޯލްތައް ބަހައްޓާފައި ހުއްޓެވެ.
އެ ހަރަކާތުގެ ތެރެއިން މިރޭ 9:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ވަނީ ޑްރޯން ޝޯއެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ހަރަކާތް 15 މިނެޓަށް ދެމިގެން ދިޔައެވެ.
'ޕައިރޯ ޑްރޯން' ޝޯ ކުރިއަށް ގެންގޮސްފައި ވަނީ ކުޑަ ކުއްޖަކު ކިޔައިދިން ވާހަކައެއްގެ ގޮތުގައެވެ.
މީގެއިތުރުން ޝޯ އެއް ވެސް އެ ސަރަހައްދުގައި ކުރިއަށް ގެންދިޔައިރު ބޮޑުބެރުގެ ހަރަކާތްތައް ވެސް ފެނިގެންދިޔަ އެވެ. އަދި އައު އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން 12 ޖެހުމާ އެކު ވަނީ ހަވާ އަރުވާފައެވެ.
އެ ހަރަކާތްތައް ބަލާލުމަށް ކުޑަކުދިން ހިމެނޭ ގޮތަށް ގިނަ ބަޔަކު ސެންޓްރަލް ޕާކަށް ޖަމާވެފައިވެއެވެ.