މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ޤާނޫނުގެ ދަށުން، ފިކުރީ މުދާ ހިމާޔަތްކުރުމަށް ޚާއްޞަ "މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފިއެވެ.
މި އޮފީހަކީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންދާނެ ތަނެއްގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސަވާފައެވެ. މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ ޤާނޫނުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގައި ފިކުރީ މުދާ ޙިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އައު އީޖާދުތަކަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި މަސައްކަތް ކުރުމެވެ.
މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގައެވެ. މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ. އަދި މިއަދުން ފެށިގެން މި ޤާނޫނަށް ވަނީ ޢަމަލުކުރަން ފަށާފައެވެ.
އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހަށް އެޑްރެސްކޮށް ލިޔާ ސިޓީގައި ޖަހާނެ ނަންބަރަކީ 1136 ކަމުގައި ރައީސް އޮފީހުން ވަނީ ކަނޑައަޅާފައެވެ.