މަސްތުވާތަކެތީގެ ތިން އޮޕަރޭޝަނަކުން ހަތަރު މީހުން ހައްޔަރުކޮށްފި އެވެ.
މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ މާލެ، ތ. ކިނބިދޫ އަދި ކުޅުދުއްފުށި ސިޓީގަ އެވެ. މާލެއިން އެކަކު އަދި ކިނބިދޫއިން އެކަކު ހައްޔަރުކޮށްފައިވާއިރު ކުޅުދުއްފުށި ސިޓީއިން ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ.
މާލޭގައި ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ގަލޮޅު ގެއެއް ބަަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި (35 ގުރާމް) އަދި 69000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން، ސ. ފޭދޫ / ޖޭޑް، 22 އަހަރުގެ މުޙައްމަދު ޖާޢިފު ޢަބްދުﷲ ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ތ. ކިނބިދޫގައި މަސްތުވާތަކެތި ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. ޑްރީމްހައުސް / މާލެ، 32 އަހަރުގެ ޢަބްދުﷲ ޝަފީޢު އެވެ. މީނާ ހައްޔަރުކޮށްފައިވަނީ ކިނބިދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ޑިސެމްބަރު 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، ކިނބިދޫ ބަނދަރުމަތިންނެވެ.
ޢަބްދުﷲ ޝަފީޢު ހައްޔަރުކޮށް، ބަލައިފާސްކުރިއިރު އޭނާގެ ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ތުހުމަތުކުރެވިގެން ހޮސްޕިޓަލަށް ގެންގޮސް އިތުރަށް ބަލާފައިވެެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މީގެ އިތުރުން ކުޅުދުއްފުށި ސިޓީގައި ޑިސެމްބަރު 31 ވަނަ ދުވަހު ހިންގި ދެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ފަލަސް، 23 އަހަރުގެ ޢަލީ ޔާމީން ޙަސަން އާއި ހދ. ކުޅުދުއްފުށި / މަލުތެރޭގެ، 29 އަހަރުގެ އަޙްމަދު މުޙައްމަދު އެވެ.
މި ދެ މީހުންގެ ތެރެއިން ޢަލީ ޔާމީން ޙަސަން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ދެ ސެލޯފިންކޮޅު ފެނިފައިވެއެވެ.
އަޙްމަދު މުޙައްމަދު ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500އެމްއެލްގެ ހަތަރު ފުޅިއާއި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެެލެވޭ އެއްޗެއްހުރި ތިން ހަން އަދި ބަނގުރާ ތައްޔާރުކުރުމަށް ބޭނުންކުރާކަމަށް ބެލެވޭ އެހެނިހެން ތަކެތި ފެނިފައިވެއެވެ.
މި ދެ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޔާމީން ޙަސަން ފަސްދުވަހަށް އަދި އަޙްމަދު މުޙައްމަދު ހަތްދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 25 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި ތިން މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.