ތިލަފުށީގައި ގާއިމުކުރާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ 40 އިންސައްތަ ނިމިފައިވާކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެވުޒާރާއިން ކުރަމުންދާ މަސައްކަތްތަކާއި ހާސިލުކޮށްފައިވާ ކަންކަމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީތައް ގާއިމުކުރުމަށް ތިން ތަނެއްގައި މަސައްކަތްތަކެއް ކުރެވެމުން އަންނަކަމަށެވެ. އެގޮތުން ތިލަފުށީގައި ހަދާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ކުރިޔަށްދާ ސިވިލް ކޮންސްޓްރަކްޝަންގެ 40 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ.

މި ފެސިލިޓީން ދުވާލެއްގެ މައްޗަށް 500 ޓަނު ޕްރޮސެސްކުރެވޭއިރު 13 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އޭގެތެރެއިން 10 މެގަވޮޓް ގްރިޑަށް ފޮނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިފެސިލިޓީގެ އެމިޝަން ކޮންޓްރޯލް ނިޒާމަކީ ބައިނަލްއަގްވާމީ އެންމެ މަތީ މިންގަނޑުތަކަށް ފެތޭގޮތަށް ޑިޒައިންކޮށްފައިވާ ނިޒާމެކެވެ.

މީގެއިތުރުން އައްޑޫ ސިޓީގައި ހަދާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓަށް ބޭނުންވާ އެއް ކޮމްޕޮނެންޓްގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭޑީއެފްޑީގެ ފަންޑުގެ އެހީގައި އިންސިނެރޭޓަރު ގާއިމުކުރުމުގައި މަސައްކަތްކުރަމުންދާއިރު ވަންދޫގައި ހަދާފައި ހުރި އިންސިނެރޭޓަރު އިތުރަށް ތަރައްގީކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރަށް އުތުރާއި ދެކުނުގައި ޓްރާންސްފަރ ސްޓޭޝަންތައްވެސް ތަރައްގީކުރަމުންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.