ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ހިނގަމުންމިދާ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހަށް ނިންމާލެވޭނެކަމަށާއި އެއާއެކު ގޯތި ހަވާލުކުރުމުގެ މަސައްކަތްތައް ކުރިޔަށްދާނެކަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑރ އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 22 ވަނަ ދުވަހުއެވެ. ހުޅުމާލެ ފޭސް 3 ގައި 63 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެކި ސަބަބުތަކާ ހެދި ބިން ހިއްކުން ލަސްވަމުން އައިސް މިފަހުން އަނެއްކާވެސް ފޭސް 3 ހިއްކަން ފަށާފައިވަނީ ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހުއެވެ. އަދި ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހު ވަނީ ބިން ހިއްކުމުގެ ސްޕީޑް އަވަސްކުރުމަށް އެއްފަހަރާ ދެ ޑްރެޖަރ ބޭނުންކުރަން ފަށާފައެވެ. ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ އެމްއޭސީއެލްގެ ދަށުން ހަދާފައިވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އިންނެވެ.
މިދިޔަ ހަފްތާގައި ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ މުއްތަލިބު ވިދާޅުވީ ހުޅުމާލެ ފޭސް 3ން ގޯތި ލިބުނު 698 މީހުންނާއެކު ރަޖިސްޓްރީ ހެދުމުގެ މަސައްކަތް ޖެނުއަރީ މަހު ފެށިގެން ކުރިޔަށްދާނެކަމަށެވެ. އަދި އިންވަކި ކުރެވެމުންދާ މިންވަރަކުން ގޯތި ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.
މިދިޔަ ނޮވެމްބަރ މަހުގެ 25 ވަނަ ދުވަހު ބިން ހިއްކުން އަވަސްކުރުމަށް ބޭނުންވާ އިތުރު ޑްރެޖަރ ރާއްޖެ އައިކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ޑިސެމްބަރ މަހުގެ ފަހުކޮޅު ނިމޭނެކަމަށް އުންމީދުކުރައްވާކަމުގައެވެ. އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ބިން ހިއްކުން މެދުނުކެނޑި ދެ ޑްރެޖަރު ބޭނުންކޮށްގެން ކުރިޔަށްދާކަމަށެވެ. ނަމަވެސް ވެލި ލިބުމުގައި ދަތިތަކެއް އުޅޭކަމަށް މިނިސްްޓަރ ވިދާޅުވިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 63 ހެކްޓަރުގެ ތެރެއިން 47 ހެކްޓަރު ހިއްކާ ނިންމާފައިވާކަމަށެވެ.