ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ޚިޔާނާތްތެރިވެ، މިހާރުވެސް ނުވަ އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދާ، އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދެ ދަޢުވާއެއް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ބައްސާމްގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދަޢުވާތަކެއް ކުރަނީ، ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު ނުވަތަ 18 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ބައްސާމް ޚިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައެވެ. އެގޮތުން، ދައުލަތުން ދަޢުވާ ކުރާގޮތުގައި، ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުގައި ލިބުނު އެ ފައިސާ ބައްސާމް ބޭނުންކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނުން ދެ ޕެންޓްހައުސް ގަތުމަށެވެ.
ދަޢުވާގައިވާ ގޮތުން، ބައްސާމް އެކަން ކޮށްފައިވަނީ ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ފައިސާ ނެރުމަށްފަހު އެ ފައިސާ އެޕާޓްމެންޓް ގަތުމަށް އަމީންއަށް ޖަމާކޮށްގެންނެވެ. މި ދެ ޕެންޓްހައުސްވެސް ފުލުހުން ވަނީ 2024 ވަނަ އަހަރުން ފެށިގެން ހިފަހައްޓާފައެވެ.
އާދިއްތަ ދުވަހު އޮތް އެ މައްސަލައިގެ ނިޔާ ކަނޑައެޅުމުގެ އަޑުއެހުމުގައި، ޤާޟީ މުޙައްމަދު މިސްބާޙް ވިދާޅުވީ، ޑޮލަރު މާރުކުރަން ކަމަށް ބުނެ ޗެކެއް މެދުވެރިކޮށް އެފްއޭއެމްއިން ނެރުނު ފައިސާއަށްވާ ދިވެހި ފައިސާ އެތަނުގެ އެއްވެސް އެކައުންޓަކަށް ވަދެފައިވާކަން އެނގެން ނެތް ކަމަށާއި އެޕާޓްމެންޓް ގަންނަން ނަގުދު ފައިސާ ދައްކާފައިވާއިރު، އެ ފައިސާ ބައްސާމަށް ދައްކައިދީފައިވަނީ އެހެން މީހަކު ކަމަށް ބުނި ނަމަވެސް، އެއީ ޤަބޫލުކުރެވޭނެ ވާހަކައެއް ނޫން ކަމަށެވެ.
އެހެންކަމުން، ޑޮލަރު މާރުކުރަން ކަމަށް ބުނެ އެފްއޭއެމްއިން ނެރުނު ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތްކޮށް، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ޝަރީއަތަށް ސާބިތުވާކަމަށް ޤާޟީ ވަނީ ނިންމާފައެވެ. އެއާއެކު، އެކަން ހިނގާފައިވަނީ ބައްސާމަށްވެސް އެނގިގެން ކަމަށްވާތީ، ޚިޔާނާތުގެ ދަޢުވާ ސާބިތުވާކަމަށް ނިންމެވިއެވެ.
މީގެއިތުރުން، އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވެ، އެ ފައިސާގެ އަސްލު އޮޅުވާލައި ކުށްކޮށްގެން ހޯދި ފައިސާ ލޯންޑާކޮށްފައިވާކަން ސާބިތުވެ، ދައުލަތުން ކުރާ މަނީ ލޯންޑްރިންގެ ދަޢުވާވެސް ބައްސާމްގެ މައްޗަށް ސާބިތުވެފައިވެއެވެ.
އަޑުއެހުމުގައި، ބައްސާމްގެ މައްޗަށް ދެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވާއިރު، އަދަބު ކަނޑައެޅުމުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ އެހެން ދުވަހަކަށެވެ. މި މައްސަލައިގައި އެފްއޭއެމްގެ ކުރީގެ އިސްވެރިންނާއި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށްވެސް ދައުލަތުން ވަނީ ދަޢުވާ އުފުލާފައެވެ. ނަމަވެސް، އެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެވެ.