ހެޔޮ ނިޔަތުގައި ޚަރަދު ކުޑަކުރާނަމަ ރިޔާސީ އިންތިހާބައި ކައުންސިލް އިންތިހާބު އެއްކުރަން ޖެހޭކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ދެ ބަޔަކަށް ގެންދަންޖެހޭކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ދައުރުން ބޭރުގައި މާދަމާ ބާއްވާ ޖަލްސާއަށް ސަރުކާރުގެ ފަރާތުން މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް ހުށަހެޅުއްވި ބިލުގައި ވަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ވެސް 2028ގައި ބާއްވާ މިހާރުގެ މަޖިލީހުގެ ދައުރު ކުރުކޮށްލުމަށެވެ.
އެކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފައްޔާޒު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމުން ލިބޭ ފައިދާ އާއި ގެއްލުންތަކެއް އެބަހުރިކަމުގައެވެ. ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން ކުރަން މި އުޅޭ ކަމަކީ ރައްޔިތުންގެ އަތުގައި އޮތް ވޯޓުން ގައުމުގެ ކަންކަން ނިންމުމުގެ ބާރު ފޭރިގަތުންކަމަށް ފައްޔާޒު ސިފަކުރެއްވިއެވެ. ހަރަދު ކުޑަކުރަން ސަރުކާރުން އުޅޭ ތަނެއް ފެނުނު އެކަކުވެސް ނެތްކަމަށާއި ވޯޓާ ގުޅުންހުރި ކަންކަމުގައި "ހަރަދު ކުޑަކުރަން" ކުރަން މި އުޅޭ ކަންކަމާމެދު އެންމެހާ ދިވެހިން ވިސްނާލުން ބުއްދިވެރިކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެއަށްފަހު ފައްޔާޒު ވަނީ އިންތިޚާބުތައް ކުރިޔަށްގެންދަންވީ ގޮތްކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާގޮތް ވިދާޅުވެ ދެއްވާފައެވެ. އެގޮތުން ފައްޔާޒު ވިދާޅުވީ މަޖިލިސް އިންތިހާބަކީ ސަރުކާރަށް ފާރަވެރިވެ ގާނޫނު ހަދާ އެންމެމަތީ ބާރަށް މަންދޫބުން ހޮވާ އިންތިހާބުކަމަށެވެ. ރައްޔިތުންގެ ބާރުވެރިކަން މަޖިލީހުގައި ބާއްވައި ކޮލިޓީ މެންބަރުން އިންތިހާބުކުރުމަށް އާބާދީ ބޮޑުކޮށް އަތޮޅުތަކަށް މެންބަރުން ހޮވަންވީކަމަށެވެ. އަދި ކޮންމެ 5،000 އާބާދީއަކަށް ދާއިރާއެއް އޮންނަ އުސޫލު އުވާލުން ރަނގަޅުކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ ޚަރަދު ކުޑަކުރަން އިންތިހާބުތައް އެއްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތްްކަން ސާފުކަމަށެވެ. ހެޔޮ ނިޔަތުގައި ހަރަދު ކުޑަކުރާނަމަ ރިޔާސީ އިންތިހާބައި ކައުންސިލް އިންތިހާބު އެއްކުރަން ޖެހޭކަމަށާއި އެއީ އެ ދެ އިންތިހާބަކީ ރައްޔިތުންނަށް ވެރިކަމެއް ކޮށްދިނުމަށް ގައުމާއި ރަށު ލެވެލްގައި ނެގޭ ވޯޓުކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މީގެއިތުރުން ފައްޔާޒު ވަނީ މަޖިލިސް ޗުއްޓީގައި އޮއްވާ މިބިލު ހުށަހަޅަން ސަރުކާރުން އުޅޭތީ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން މަޖިލިސް ޗުއްޓީގައި ކުއްލިއަކަށް މެންބަރުން އެއްކޮށް، ދައުރުން ބޭރުން ގާނޫނުއަސާސީއަށް ބަދަލު ގެންނަން އުޅުމާ މެދު ފުންކޮށް ވިސްނައި ފިކުރުކުރަން ޖެހޭކަމަށް ފައްޔާޒު ވިދާޅުވިއެވެ. ރައްޔިތުންގެ ބާރުވެރިކަމަށް ސީދާ ގޮތުން އަސަރުކުރާނެ މިފަދަ ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާކުރުމުގެ ފުރުސަތު ދޭން ވާނެކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ. އަދި ބަހުސްގައި ފައްޔާޒު ފާހަގަކުރެއްވި ކަންކަމުގެ އިތުރު އޮޕްޝަންތައް ރައްޔިތުންނާ ހިސާބަށް ގެންދަން ރައީސް މުއިޒުއަށް ކެރިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
މާދަމާގެ ޖަލްސާގައި ގާނޫނު އަސާސީއަށް މިއިސްލާހު ގެނައުމަށް އެޖެންޑާކުރުމާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް މީގެކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ ރަނގަޅުކަމެއްކަމަށެވެ. އޭގެއިތުރަށް ނަޝީދު އެއްވެސް އެއްޗެއް ވިދާޅުވެފައިނުވާއިރު މިކަމާއި ގުޅޭގޮތުން އެމްޑީޕީން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެއެވެ.