ކުރިޔަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅަމުންގެންދެވޭނެކަމަށް އިލެކްޝަން ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓާ ވިޝާހު ސައީދު ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ކައުންސިލު އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި 7000 މީހުން ބޭނުންވާކަމަށް އީސީން ވަނީ ބުނެފައެވެ. ވީޓީވީގެ ފަސްމަންޒަރު ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ވިޝާހު ވިދާޅުވީ މިހާރު ހަހާހެއްހާ މީހުން އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ފޯމު ހުށަހަޅާފައިވާކަމަށެވެ.

ވިޝާހު އިތުރަށް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިންތިހާބަށްފަހު އޮފިޝަލުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު ދިނުމަށް ކަރުދާސް ފޯމުގެ ބަދަލުގައި ބޭނުންކުރަމުން އަންނަނީ އިލެކްޝަން ކޮމިޝަންގެ ޕޯޓަލް ކަމަށެވެ. އެގޮތުން ވެރިފައިޑް އީފާސް އެކައުންޓެއް ބޭނުންކޮށްގެން ކޮންމެ މީހަކަށްވެސް އޮންލައިން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވިޝާހު ފާހަގަކުރެއްވިއެވެ.

ހަމަމިއާއެކު ކަރުދާސް ބޭނުން ކުރުމުގެ ބަދަލުގައި ޑިޖިޓަލް ޕްލެޓް ފޯމެއް ބޭނުންކުރުމަކީ ފޯމު ހުށަހަޅާ މީހުންނަށްވެސް ފަސޭހަ ތަކެއް ލިބިގެން ދާނެކަމަށް ވިޝާހު ވިދާޅުވިއެވެ.

"ފިޒިކަލް އެޕްލިކޭޝަން އެއްގެ ބަދަލުގައި ޑިޖިޓަލް ޕޮލެޓް ފޯމަކަށް ދިޔުމުން ފޯމު ހުށަހަޅާ ފަރާތްތަކަށްވެސް ވަރަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެން އެބަ އާދެ، މިސާލަކަށް ފިޒިކަލް ފޮމެއް ބޭނުނކޮށްގެން އީމެއިލް މެދުވެރިކޮށް ހުށަހަޅަން ނޫނި ކޮމިޝަނަށް ހާޒިރު ވެގެން އެ ފޯމު ކޮމިޝަނަށް ސަބްމިޓް ކުރަން، ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ނެތި ގޮސް، ގޭގަ އިނދެގެންވެސް ވަރަށް ފަސޭހައިން މިކަން ކޮށްލެވޭ ގޮތަށް އިންތިޒާމުތަށް ހަމަޖެހިފަ މި އޮތީ"

ވިޝާހު ސައީދު/ އިލެކްޝަން ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓާ

މީގެ އިތުރުން އޮފިޝަލުންގެ ގޮތުގައި ކުރިމަތިލުމަށް ދިގު މުއްދަތެއް ދީފައި ވީނަމަވެސް، ޝައުގުވެރިކަން ހުރި ނަމަ ވީހާވެސް އަވަހަށް ކުރިމަތިލުމަށް ވިޝާހު އިލްތިމާސްކުރެއްވިއެވެ.

ހަމަ މިއާއެކު ފޯމު ހުށަހެޅުމުގައި އެއްވެސް މައްސަލައެއް ދިމާ ވެއްޖެނަމަ އިލެކްޝަން ކޮމިޝަންގެ ހޮޓްލައިން 1414 އަށް ގުޅައިގެން މައްސަލަ ހައްލުކޮށްގެން ކުރިއަށް ގެނދެވޭނެކަން ވިޝާހު ފާހަގަކުރެއްވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބަކީ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށްވެސް ބުރަ އިންތިހާބެއްކަން ފާހަގަކުރައްވާ ވިޝާހު ވިދާޅުވީ އިންތިހާބަށް ހާއްސަ އެލަވެންސްއަކާ އެކު ރަނގަޅު އުޖޫރައެއް ވޯޓުލާ މަރުކަޒު ތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ލިބޭނެކަމަށެވެ.

އެގޮތުން ވެރި އެއްގެ ގޮތުގައި މަސައްކަތް ކުރާ މީހަކަށް 3000 ރުފިޔާ، އެހީތެރިއަކަށް 2500 ރުފިޔާ އެލަވެންސްގެ ގޮތުގައި، އަދި އެހެން އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރާ މީހުންނަށް 2300 ރުފިޔާ އެދުވަހުގައި މަސައްކަތް ކޮށްގެން ލިބޭނެކަން ވިޝާހު ފާހަގަކުރެއްވިއެވެ.