ހައްސާސް މައްސަލައެެއް ނެތް ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ދައުރުން ބޭރުން ބާއްވަމުން ދަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީއިން މަޖިލީހުގެ ޖަލްސާތައް ބޯއިކޮޓް ކޮށްފި އެވެ.

ހައްސާސް މައްސަލައެއް ނެތްއިރު ޖަލްސާތައް ބާއްވަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ އެމްޑީޕީން ބޯއިކޮޓް ކުރަނީ
ހައްސާސް މައްސަލައެއް ނެތްއިރު ޖަލްސާތައް ބާއްވަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ އެމްޑީޕީން ބޯއިކޮޓް ކުރަނީ

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިވަގުތު މަޖިލިސް ޗުއްޓިގައި އޮއްވާ މަދު އަދަދެއްގެ މެމްބަރުންނާއެކު ޖަލްސާތައް ބާއްވަމުން ގެންދަނީ ގާނޫނު އަސާސީގެ 83 އަދި 88 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.

އެކަށީގެންވާ ވަގުތެއް ނުދީ މަޖިލީހުގެ ޖަލްސާތައް ބާއްވާނެކަން އަންގައި ޖަލްސާތައް ބާއްވަމުންދާއިރު މިވަގުތުން ވަގުތަށް ނިންމަން ޖެހޭ މުހިންމު މައްސަލައެއް ވެސް ނެތްކަމަށް މެމްބަރު ވިދާޅުވި އެވެ.

އެހެންކަމުން އެމްޑީޕީ މެމްބަރުން މިދުވަސްވަރު ބާއްވަމުން ގެންދާ މަޖިލީހުގެ ޖަލްސާތައް ބޯއިކޮޓް ކުރާ ކަމަށް މެމްބަރު ވިދާޅުވި އެވެ.

ހޯމަ ދުވަހުގެ ޖަލްސާ ބޭއްވީ 24 ގަޑިއިރަށް ވުރެވެސް މަދު ވަގުތުކޮޅެއްގެ ނޯޓިސް އަކާއެކުގައިކަމަށް ފާހަގަކުރައްވައި ހޯމަ ދުވަހުގެ ޖަލްސާގައި ވެސް މެމްބަރުން އެކަމާ މެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ހޯމަ ދުވަހުގެ ޖަލްސާއަށް ތާވަލުކޮށްފައި ވަނީ ވަގުތުގެ ގޮތުން ބަލާއިރު ހައްސާސް މައްސަލަތަކެއް ނޫން ކަމަށް ވިޔަސް އެއީ މުހިންމު އަދި ބޮޑެތި އިސްލާހުތަކާއި މަސައްކަތްތައް މެމްބަރުން ފާހަގަކުރެ އެވެ.

ޖަލްސާތައް ބޯއިކޮޓް ކުރާނެކަން އިއުލާން ކުރެއްވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

އެކަމާ ގުޅޭގޮތުން ހޯމަ ދުވަހުގެ ޖަލްސާގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ދައުރުން ބޭރުން ޖަލްސާ ބޭއްވި ނަމަވެސް އެއްވެސް ކަމެއް އަވަސް އަރުވާލައިގެން ކުރަން ނޫޅޭ ކަމަށެވެ. އަދި ދައުރުން ބޭރުން ޖަލްސާތައް ބޭއްވުން މިއީ އަލަށް ކުރާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

މި ދުވަސްވަރަކީ މަޖިލީހުގެ އިތުރުން ސްކޫލް ބޮޑު ބަންދަށް ވާއިރު ހޯމަ ދުވަހުގެ ޖަލްސާގައި ވޯޓަށް އެހި ގަޑީވެސް މަޖިލީހުގައި ތިއްބެވީ 93 މެމްބަރުންގެ ތެރެއިން އެންމެ 56 މެމްބަރުންނެވެ. މިހާ މަދު އަދަދެއްގެ މެމްބަރުންނާއެކު ދައުރުން ބޭރުން ޖަލްސާތައް ބޭއްވުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށް އިދިކޮޅު މެމްބަރުން އަންނަނީ ފާހަގަކުރައްވަމުންނެވެ.

ހޯމަ ދުވަހުގެ ޖަލްސާއަށް ފަހު އަންގާރަ ދުވަހަށް ވެސް ޖަލްސާއެއް ތާވަލު ކުރި އެވެ. އަންގާރަ ދުވަހުގެ ޖަލްސާގައި އޮތީ ހިޔުމަން ރައިޓްސް ކޮމިޝަނަށް ރައީސަކު އައްޔަން ކުރުމުގެ މައްސަލަ އެވެ.