އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވްޓް ލިމިޓެޑްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ދަޢުވާ ސާބިތުނުވާކަމަށް ޙުކުމް ކުރުމުން، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އެ މައްސަލަ އިސްތިއުނާފު ކުރަން ނިންމައިފިއެވެ.
އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައި ވަނީ މިއަދުއެވެ.
ޕީޖީ އޮފީހުން ބުނީ، އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. ހިމެނޭ މުޢާމަލާތާ ގުޅިގެން ބައްސާމް ޢަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައި ވާކަމަށެވެ. އެހެންކަމުން، ހަމަ އެ މުޢާމަލާތާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ހުށަހެޅި ދަޢުވާ ސާބިތުނުވާކަމަށް އެކޯޓުން ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް އެ އޮފީހަށް ބެލެވޭ ކަމަށެވެ.
އެހެންކަމުން އަމީން ކޮންސްޓްރަކްޝަންގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ޕީޖީ އޮފީހުން ޤަޞްދުކުރާކަން ހާމަ ކުރައްވާފައިވެއެވެ.އެހެން ނަމަވެސް މިކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު ޕީޖީ އޮފީހަށް ލިބުމުންކަމަށްވާތީ، އެ ރިޕޯޓް އެ އޮފީހަށް ލިބުމުން އިސްތިއުނާފުކުރުމާމެދު ފަހު ނިންމުމެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.