އދ. މާމިގިލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުގައި ހަދަމުންދާ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފައްޓަވާދެއްވާފައިވަނީ އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް އިތުރުން މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ޤާސިމް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.

މަޝްރޫޢުގެ %89 މަސައްކަތްވަނީ މިހާރުވަނީ ނިމިފައިކަމަށް އާރުޑީސީން ބުނެއެވެ.

މަޝްރޫޢުގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ތާރު އަޅައިގެން މަގުތައް ތަރައްޤީ ކުރުމާއި ކެރިއޭޖްވޭ އަދި ސައިޑްވޯކްގެ މަސައްކަތް އަދި މަގުމަތީގައި ހުންނަ ކާނުތަކާއި ސްޓޯރމް ވޯޓަރ މަނޭޖްމަންޓް ސިސްޓަމްގެ ގާއިމު ކުރުމާއި ސްޕީޑް ބްރޭކަރާއި ރޯޑް ސައިން ބޯޑު ހަރުކުރުން ހިމެނެއެވެ. މީގެއިތުރުން މަގު ބައްތި ހަރުކުރުމާއިމިހާރު ހުރި މަގުތަކުގައި ސްޓްރީޓް ލައިޓް ހަރުކުރުމުގެ އިތުރުން މިހާރު ހުރި މަގުތަކުގައި ސްޕީޑް ބްރޭކަރ ހެދުމުގެ މަސައްކަތްކުރާނެއެވެ. އަދި ޒިބްރާ ކްރޮސިންގްސް މާކު ކުރުން ހިމެނެއެވެ.

މިހާތަނަށް އައިއިރު މިމަޝްރޫޢުގެ ދަށުން ޖުމްލަ 6 މަގެއް ހިމެނޭހެން 4.8 ކިލޯމީޓަރ ވަނީ ނިމިފައެވެ. ކޭބަލް ޖަންޝަނާ ހޮޅި އެޅުމުގެ މަސައްކަތް ނިމިފައިވާއިރު ދުވާރާއި ކާރބް ސްޓޯންޖެހުމުގެ %99 މަސައްކަތް ނިމިފައިވާކަމަށް އާރުޑީސީން ބުނެއެވެ. ސެޓްލްމަންޓް ޓޭންކާއި ހޮޅި އެޅުމުގެ މަސައްކަތް ނިމިފައިވާއިރު ތާރު އެޅުމުގެ ކުރިން އަޅާ އޭބީސީ ފަށަލައިގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ. އަދި ޕަމްޕް ސްޓޭޝަންތަކުގެ %61 މަސައްކަތް ވަނީ ނިމިފައެވެ.

މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ގައެވެ. މިއީ ޖުމްލަ 95,043,314.41 (ނުވަދިހަ ފަސް މިލިއަން ސަޅީސް ތިން ހާސް ތިން ސަތޭކަ ސާދަ ރުފިޔާ ސާޅީއެއް އެއްލާރި) ރުފިޔާގެ މަޝްރޫޢެކެވެ.