މާލެ ސިޓީގެ ކާނުތަކަށް ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގައި ބޭނުންކުރާ ސިމެންތި އަދި ކޮންކްރީޓު އަޅާފައި ހުންނަކަން ފާހަގަވާތީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
15 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އެއްގޮތަކަށް ވެސް ސާފުނުކޮށް ހުރި މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމަށް ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ހިއްސާކުރައްވައި އާޒިމް ވިދާޅުވީ ކާނު ސާފުކުރަމުންދާއިރު ފާހަގަކުރެވޭ އެންމެ ކަންބޮޑުވާ ކަމަކީ، ފެނާއެކު ކާނުތަކަށް ޢާއްމުކޮށް އެޅޭ ކުނީގެ ބަދަލުގައި، ސިމެންތިއާއި ކޮންކްރިޓް ކާނުތަކަށްއެޅިފަ ހުންނަކަން ކަމަށެވެ.
މި ތަކެތި ކާނުތަކުން ނަގަން ޖެހެނީ ދަގަނޑު ޖަހައި މަތަލައިގެން ކަމަށާއި އެއީ ވަރަށް ބުރަ، އުނދަގޫ ކަމެއް ކަމަށް ވިދާޅުވި އެވެ.
މާލެ ސިޓީ ސާފުތަނަކަށް ހެދުމަށް ކާނުތައް ސާފުކުރުމަށް ފެށި މަސައްކަތުގެ ދަށުން، މިހާތަނަށް 31،000 އަށް ވުރެ ގިނަ ކާނު ސާފުކޮށް ނިމިފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
މި މަސައްކަތުގެ ސަބަބުން ބޯކޮށް ވާރޭ ވެހޭއިރު ގެތަކަށް ފެން ވަނުން މިހާރު ވަނީ އެއްކޮށްހެން ހުއްޓިފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
މާލެ ސިޓީއަކީ ސާފު ހިތްފަސޭހަ ތަނަކަށް ހެދުމަށް، މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތަށް އެހީތެރިކަމާއި އެއް ބާރުލުން ދެއްވައި، ކާނުތަކަށް ސިމެންތި އާއި ކޮންކްރިޓް ފަދަ ތަކެތި ނޭޅުމަށް އާޒިމް އިލްތިމާސް ކުރެއްވި އެވެ.
ކާނުތައް ސާފުނުކޮށް ގިނަ ދުވަސް ވުމުގެ ސަބަބުން ކާނުތައް ބެދި ވާރޭ ވެހޭ ދުވަސްތަކުގައި މާލޭގެ މަގުތަކުގައި ފެން ބޮޑުވެ ގެތަކަށާއި މުދަލަށް ގެއްލުން ލިބެ އެވެ. ކާނުތައް ސާފުކުރުމަށް ފެށި މަސައްކަތަކީ މާލޭގައި ފެން ބޮޑުވުން ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރާ ކަމެކެވެ.