މިދިޔަ ހޮނިހިރު ދުވަހު އެމެރިކާއި ސިފައިން ވެނެޒުއޭލާއަށް އަރާ އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ އާއި އަނބިކަނބަލުން ވަގަށް ނަގައިގެން އެމެރިއަށް ގެނައި މައްސަލަ އދ ގެ ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފިއެވެ.
15 މެމްބަރުންގެ މައްޗަށް ހިމެނޭ ސަލާމަތީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެމެރިކާ އާ ގާތްގުޅުމެއް އޮންނަ ގައުމުތަކުންވެސް ވަނީ އެމެރިކާގެ މި އަމަލުކުށްވެރިކޮށްފައެވެ. އެމަރޖެންސީ ބައްދަލުވުމުގައި މެމްބަރު ގައުމުތަކުން ވަނީ މިއީ ބައިނަލްއަގްވާމީ ގާނޫނުތައް ތަންފީޒުކުރުމުގެ މުޅިން އައު ނިޒާމަކަށް ދިޔުންކަމަށް ބެލުމުގެ ފުރުސަތު ލިބިދޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ވެނެޒުއޭލާއިން އދށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަމުއެލް މޮންކޭޑް ވަނީ އެމެރިކާގެ މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި މިއީ އެމެރިކާއިން ހިންގި ގާނޫނާ ޚިލާފު ކަމެއްކަމަށާއި މިކަން ކުރީ ގާނޫނުތަކުގެ ތެރެއިންކަމަށް ދެއްކޭނެ އެއްވެސް ހުއްޖަތެއް ނެތްކަމަށް ވިދާޅުވިއެވެ. ވެނެޒުއޭލާގެ ޝުއޫރުތަކަށް ކިޔުބާ އާއި ކޮލްބިއާއިން ތާއީދުކޮށްފައިވާއިރު ސަލާމަތީ މަޖިލީހުގެ ދާއިމީ ގައުމުތަކުގެ ތެރެއިން ރަޝިޔާ އަދި ޗައިނާއިންވެސް ވަނީ މިމޭރުމުން ވާހަކަދައްކާފައެވެ.
ކިޔުބާގެ ސަފީރު ވިދާޅުވީ އެމެރިކާއިން މިކަން ކުރީ އެމެރިކާގެ ބާރު ހިނގާ ސަރަހައްދެއްގައިވެސް ނޫންކަމަށާއި މިކަމުގެ ސަބަބުން ކިޔުބާއަށްވެސް މިކަމުގެ ނޭދެވޭ އަސަރުކޮށްފައިވާކަމަށެވެ.
ރަޝިޔާގެ ސަފީރު ވިދާޅުވީ ސްޕްރީމް ޖަޖެއްގެ ގޮތުގައި އަމަލުކުރުމުގެ ބާރު އެމެރިކާއަށް ލިބިގެންނުވާކަމަށެވެ. އެމެރިކާއިން ބޭނުންވުމުން ބޭނުންވާ ގައުމަކަށް އަރާ ބޭނުންކުރުމުގެ ބާރާއި ހައްގު ލިބިފައިނުވާކަމަށާއި މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ގައުމެއްގެ އިސްތިގްލާލަށް އަރައިގަތުންކަމަށް ވިދާޅުވިއެވެ.
ނިމިގެންދިޔަ އަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކި ގޮތްގޮތުން އިންޒާރު ދެމުންގެންދެވި މެކްސިކޯ އާއި ޑެންމާކުންވެސް ވަނީ އެމެރިކާގެ މިއަމަލު ކުށްވެރިކޮށްފައެވެ.
ސަލާމަތީ މަޖިލީހުގެ ދާއިމީ ގައުމެއްކަމުގައިވާ ފްރާންސުގެ ސަފީރުވެސް ވަނީ އެމެރިކާގެ އަމަލަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މިއީ އަމާންކަމާއެކު ބާރުގެ ބޭނުންނުކޮށް ކުރެވެން ހުންނަ ކަންކަން ގަދަބާރުން ކުރުންކަމަށް ފްރާންސުން ސިފަކުރިއެވެ.
އިނގިރޭސިވިލާތުގެ ސަފީރު ވިދާޅުވީ މަޑޫރޯ ވެރިކަމުގައި ހުންނެވީ ގަދަބާރުންކަމުގައެވެ.
އެމެރިކާގެ ސަފީރުވަނީ އެމެރިކާއިން ވެނެޒުއޭލާގައި ހިންގީ ކޮންމެހެންވެސް ހިންގަންޖެހޭ އޮޕަރޭޝަނެއްކަމަށް ވިދާޅުވެ އެކަން ދިފާއުކުރައްވާފައެވެ.