ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރުމަށް ޕޯޓަލް ހުޅުވައިފި އެވެ.
އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތާރީޚުގެ ކުރިން ޕޯޓަލް ހުޅުވާލުމުން، އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތު ފުރިހަމަކޮށް، އަޕްލޯޑުކުރަންޖެހޭ ލިޔެކިޔުންތައް އަޕްލޯޑުކުރުމަށް އެކަށޭނެ ވަގުތެއް ލިބި، ޕޯޓަލް މެދުވެރިކޮށް އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކަށް ތައްޔާރުވުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެއެވެ.
އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން މައި ޕޯޓަލް my.elections.gov.mv އަށް ލޮގިންވާނީ އެ ފަރާތެއްގެ އަމިއްލަ ވެރިފައިޑް އީފާސް އެކައުންޓު މެދުވެރިކޮށެވެ. އަދި އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ޙައިސިއްޔަތުގެ ގޮތުގައި ސިޔާސީ ޕާޓީއެއް އިޚްތިޔާރުކޮށްފިނަމަ އެ ޕާޓީއަކުން، އެ ކެންޑިޑޭޓަކު އެންޑޯޒްކުރުމަށް ރިކުއެސްޓެއް ދާނެއެވެ. ސިޔާސީ ޕާޓީތަކުން މި ރިކުއެސްޓްތައް ޕްރޮސެސް ކުރާނީ ސިމެދަ ޕޯޓަލްއިންނެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އަމިއްލަގޮތުން ކުރިމަތިލާނަމަ، ކުރިމަތިލާ ދާއިރާއަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާ، މަދުވެގެން 50 މީހުންގެ ތާއީދު ހޯދަންވާނެއެވެ. އިންތިޚާބަށް ކުރިމަތިލާ ފަރާތުން، އެ ދާއިރާއަކަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، މޯބައިލް ނަންބަރު ޖަހައި ހުށަހެޅުމުން، ވޯޓުލުމުގެ ޙައްގު ލިބިގެންވާ ފަރާތަށް އެސް.އެމް.އެސްގެ ޒަރިއްޔާއިން އެކަން އެންގޭނެއެވެ.
ތާއީދު ދިނުމުގެ ރިކުއެސްޓްތައް ޤަބޫލުކުރުން ނުވަތަ ނުކުރުން ކަނޑައަޅާނީ، ދާއިރާއަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ އަމިއްލަ އީފާސް އެކައުންޓް މެދުވެރިކޮށް މައި ޕޯޓަލްގެ ތެރެއިންނެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތްތަކުން 50 މީހުންގެ ތާއީދު ހޯދާކަށް ނުޖެހޭނެއެވެ.
މި މުއްދަތުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު ފުރިހަމަކުރުމަށްފަހު، ލިޔެކިޔުންތައް އަޕްލޯޑުކޮށް ސޭވް ކުރިނަމަވެސް، ކޮމިޝަނަށް ފޯމު ހުށަހެޅޭނީ، އިންތިޚާބަށް ކުރިމަތިލުމަށް ރަސްމީކޮށް ހުޅުވާލުމުންނެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަން ކޮމިޝަން (އީސީ)ގެ އެސިސްޓެންޓް ޑިރެކްޓާ ވިޝާހު ސައީދު ވިދާޅުވީ އަލަށް ޑިޖިޓަލް ކޮށް ފޯމު ހުށަހެޅުމަށް ހުޅުވާލުމުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ލުއި ހޯދައިދިނުމުގެ ގޮތުން އިންތިހާބަށް ކުރިމަތިލުމަށް ގާނޫނީ ގޮތުން ދީފައިވާ މުއްދަތަކީ 14 ދުވަސް ނަމަވެސް އީސީ ގެ އަމާޒަކީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލުމުގެ ކުރިން ޕޯޓަލް ހުޅުވާލުންކަމަށް ވިޝާހު ވިދާޅުވިއެވެ.
އެގޮތުން ޕޯޓަލް ހުޅުވާލާ ހިސާބުން ކޮންމެ މީހަކަށްވެސް މައުލޫމާތު ފުރިހަމަ ކުރުމަށް ފަހު އަޕްލޯޑު ކުރަންޖެހޭ ޑޮކިއުމެންޓްތައް އަޕްލޯޑު ކޮށް، އިދާރީ ފީތައް ވެސް ދެއްކޭނެކަމަށާއި ނަމަވެސް އީސީ އަށް ފޯމު ހުށަހެޅޭނީ އިންތިހާބަށް ރަސް މީކޮށް ފޯމުލާން ހުޅުވާލުމުން ކަމަށް ވިޝާހު ފާހަގަކުރެއްވިއެވެ.
ވިޝާހު ވިދާޅުވީ އޮންލައިންކޮށް ފޯމު ހުށަހަޅާ ގޮތަށް ހަމަޖެއްސީ 4000 ވަރަކަށް ކެންޑިޑޭޓުން ފިޒިކަލީ ފޯމު ހުށަހަޅަން އެއްތަނަކަށް ޖަމާވެ، ހޭދަވެގެންދާ ވަގުތާއި، ކުރަންޖެހޭ މަސައްކަތްތަކަކީ ވަރަށް ދަތިކަމަކަމަށް ވާނެތީ ކަމަށެވެ.