މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ އުއްމީދީ މަޝްރޫޢު ކަމަށްވާ ރަސްމާލެ މަޝްރޫޢުގެ ދަށުން "ސައިޓް އޭ" އިން 64 ހެކްޓަރުގެ ބިން ހިއްކާ ނިންމައިފިއެވެ.

މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، މިއީ މާލެ ސަރަޙައްދުގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން އިސްކަންދޭ އެންމެ ބޮޑު އެއް މަޝްރޫޢެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިން ހިއްކުމުގެ މަސައްކަތް 12 ސަރަޙައްދަކަށް ބަހާލައިގެން ކުރިއަށްދާއިރު، މިހާރު މަސައްކަތް ނިމިފައިވާ "ސައިޓް އޭ" އަކީ ޖުމްލަ 138 ހެކްޓަރުގެ ބިން ހިއްކުމަށް ކަނޑައަޅާފައިވާ ސަރަޙައްދެކެވެ. މި ސަރަޙައްދުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ލީޑު ކުރަމުންދާ މި މަސައްކަތުގައި، "ސައިޓް އޭ" އިން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ދޮޅު ހެކްޓަރުގެ ބިން ހިއްކަމުންދާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

މަސައްކަތް އަވަސްކުރުމަށްޓަކައި ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ "ކްރިސްޓަބަލް ކޮލޯން" ވެސް ދަނީ ބޭނުންކުރަމުންނެވެ.ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި އެމްއޭސީއެލްގެ އިތުރުން ބޭރުގެ ބޮޑެތި ކުންފުނިތަކުން ދަނީ ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާއި، އިންޑިއާގެ މޯހަން މުތާގެ އިތުރުން ޗައިނާ ހާބަރ އިންޖިނިއަރިންގް ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ އަންނަ މާޗު މަހުގެ ނިޔަލަށް މުޅި ރަސްމާލެ ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ.