އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ބަންގި މުބާރާތް "ނޫރުލް އަޛާން 1447" ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ވުޒާރާއިން ބުނީ، ނޫރުލް އަޛާންގެ ދެވަނަ މުބާރާތެއް ބާއްވަން ގަސްތު ކުރީ، ފުރަތަމަ ބޭއްވި މުބާރާތައް ލިބުނު ތަރުހީބަށާއި އަދި ރޫޙާނީ ގޮތުން ލިބުނު ކުރިއެރުމުގެ މައްޗަށް ބިނާކޮށް ކަމަށެވެ.މި މުބާރާތުގެ މަޤްސަދަކީ، މުޖުތަމަޢުގެ އެންމެހާ އަފްރާދުންގެ މެދުގައި އިސްލާމީ ޢަޤީދާއާ މެދު ލޯބި އިތުރުކުރުމާއި، އަޛާންގެ ފަންނާއި ޢިލްމާއި އަދި ހުނަރުގެ އަގުވަޒަން ކުރުމާއި، ދިވެހި ރާއްޖޭގެ 19 އަތޮޅުގައި ދިރިއުޅެމުންދާ އެންމެހާ އަފްރާދުންގެ މެދުގައި އެއްބަނޑު އެއްބަފާކަމުގެ ގުޅުން ބަދަހި ކުރުމާއި، ހެޔޮ ކަންކަމުގެ ރޫޙު އިތުރު ކުރުމާއެކު މި މުޤައްދަސް ސަޤާފަތް ދިރުވާ އާލާކުރުން ކަމުގައެވެ.

މި މުބާރާތުގެ އޮނިގަނޑު އެކުލަވާލެވިފައިވަނީ އިންސާފުވެރިކަމާއެކު ކަމާގުޅުންހުރި ހުރިހާ ފަރާތްތަކެއް ޝާމިލްވާ ގޮތަށް އެންމެ މަތީ ފެންވަރެއް ކަށަވަރުކޮށްދޭ ގޮތަށް ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި މުބާރާތުގައި މައިގަނޑު ދެ ބުރެއް ހިމެނޭއިރު، ފުރަތަމަ ބުރުގައި އެ ބައިވެރިއަކު ބޭނުން އަޛާނެއް ދެވޭނެ އެވެ. އެހެން ނަމަވެސް ފުރުތަމަ ބުރުގައި ހޮވޭ ގަދަ ހަތް ބައިވެރިން ދެވަނަ ބުރުގައި އަޛާން ދޭން ޖެހޭނީ ހަވާލު ކުރެވޭ މަޤާމާތަކަށެވެ. މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ރަށްތަކުން، އެ ރަށެއްގެ ފަރާތުން ބައިވެރި ކުރައްވާނެ ބޭފުޅެއްގެ މަޢުލޫމާތު 15 ޖެނުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން އެ މިނިސްޓްރީއަށް ފޮނުއްވުމަށް އެދިފައި ވެއެވެ.