ވެނެޒުއޭލާގެ 30 މިލިއަނާއި 50 މިލިއަނާ ދެމެދުގެ ފީފާ ތެޔޮ އެމެރިކާ އަށް ލިބޭނެ ކަމަށާއި މި ތެޔޮތައް ސީދާ އެމެރިކާގެ ބަނދަރުތަކަށް ގެނެސް، ބާޒާރުގެ އަގުގައި ވިއްކައިގެން ލިބޭ ފައިސާ ވެނެޒުއޭލާގެ ރައްޔިތުންނާއި އެމެރިކާގެ މަންފާއަށް ބޭނުންކުރުމަށްޓަކައި، އެ ފައިސާގެ ކޮންޓްރޯލް އޭނާ ނަންގަވާނެ ކަމަށް ޓްރަމްޕް ބުނެފިއެވެ.
މި މަޝްރޫޢު "ވަގުތުން" ތަންފީޛުކުރުމަށް އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓަށް އަންގަވާފައިވާ ކަމަށްވެސް އޭނާ ހާމަކުރިއެވެ.އަންގާރަ ދުވަހު ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި ބުނީ، މި ތެޔޮތައް ސްޓޯރޭޖް އުޅަނދުތަކުގައި ސީދާ އެމެރިކާގެ ބަނދަރުތަކަށް ގެންދެވޭނެ ކަމަށެވެ. ޓްރަމްޕްގެ މި ނިންމުން އިއުލާނު ކުރި އިރު، ވެނެޒުއޭލާގެ ތެލުގެ ރިޒާވް "އަތުލައިގަނެ"، އެ ޤައުމުގެ ހީނަރުވެފައިވާ ހަކަތައިގެ ސިނާޢަތް އަލުން އާރާސްތުކުރާނެ ކަމަށް ކުރިން ވަނީ ބުނެފަ އެވެ.
ވެނެޒުއޭލާގެ ބާވެފައިވާ އިންފްރާސްޓްރަކްޗަރ އަލުން ބިނާކުރުމަށްޓަކައި އެމެރިކާގެ ތެޔޮ ކުންފުނިތަކުން ބިލިއަނުން ޑޮލަރު އިންވެސްޓްކުރުމަށް ތިބީ ތައްޔާރަށް ކަމަށްވެސް ޓްރަމްޕް ބުނެފައިވެ އެވެ.އެމެރިކާގެ އެންމެ ބޮޑު ތިން ތެޔޮ ކުންފުނި ކަމަށްވާ ޝެވްރޮން، އެކްސަން މޮބިލް އަދި ކޮނޮކޯފިލިޕްސް އިން މިކަމާ ގުޅޭގޮތުން ސީދާ ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް، އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި ކުންފުނިތަކުގެ މަންދޫބުން ވެނެޒުއޭލާގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމަށް އަންނަ ހުކުރު ދުވަހު ރައީސް ޓްރަމްޕާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.