ކުރިޔަށް އޮތް 5 ދުވަހު އިރުއުތުރުން އަންނަ ވަޔާއެކު ދުންފުހުގެ އަސަރު ރާއްޖެމަތީގައި ހުންނާނެކަމަށް ބެލެވޭކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ސަރަހައްދުތަކަށް، ޚާއްސަކޮށް މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާކަމަށެވެ. ވޭތުވެ ދިޔަ 7 ދުވަހަށް ބަލާއިރު ދުންފުހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ މިއަދުކަމަށް އެއިދާރާއިން ބުނެއެވެ.

މެޓް އޮފީހުން އިތުރަށް ބުނީ އެއިދާރާގެ ރިޕޯޓްތަކުގައިވެސް މެދު ރާއްޖެތެރޭގައި ދުރުފެންނަ މިންވަރު ވަނީ 1.5 ކިލޯ މީޓަރަށްވުރެ ދަށްވެފައިކަމަށެވެ. ވައި ސާފު ދުވަހެއްގައި 10 ކިލޯމީޓަރުގެ ދުރުމިން ހަމަލޮލަށް ފެންނާނެކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

ކުރިޔަށް އޮތް 5 ދުވަހުވެސް ދުންފުހުގެ އަސަރު ރާއްޖެ މަތީގައި ހުންނާނެތީވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ބޭރުގައި އެކި ހަކަތާތްތަކުގައި އުޅޭ ފަރާތްތަކުން އެޗްޕީއޭ ގެ އިރުޝާދުތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑުދަތުރުކުރާއިރުވެސް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.

މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ރާއްޖޭގެ ސަރަހައްދަށް ވައި ނުސާފުވެ އޮރެންޖު އެލާޓްވެސް ނެރެފައިވެއެވެ.

ވައި ނުސާފު ވަގުތުތަކުގައި ރައްކާތެރިވެ ސަމާލުކަންދޭންވީ ކަންތައްތައް އެޗްޕީއޭއިން ވަނީ ކިޔައިދީފައެވެ. އެގޮތުން ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަވަގުތު ހޭދަ ނުކުރުމަށާއި ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތްތައްކުގައި ރައްކާތެރި މާސްކު އެޅުމަށް އިލްތިމާސްކޮށްފައިވެއެވެ.

އަދި ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށާއި ތުއްތު ކުދިން ބޭރަށް ނުނެރުމަށް އިލްތިމާސްކޮށްފައިވެއެވެ. މީގެއިތުރުން، ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލުމަށް ވެސް މެޓް އޮީފީހުން އިލްތިމާސްކޮށްފައިވެއެވެ.

އިރުވައި މޫސުން ފެށޭ ދުވަސްވަރާ ދިމާކޮށް ޢާންމު ގޮތެއްގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ނުސާފުވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައިވެސް ވައި ނުސާފުވެ، ހަމަލޮލަށް ފެންނަ ދުރުމިން 3 ކިލޯމީޓަރަށް ދަށްވިއެވެ.