އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފިއެވެ.

ރައީސް އޮފީހުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ އިލެކްޝަންސް ކޮމިޝަނުގައި މިހާރު ތިބި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށްޓަކައި، މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާކަމަށެވެ. ފަސް އަހަރުގެ ދައުރު ހަމަވާން ކައިރިވެފައި ވަނީ, އީސީގެ މެންބަރު ޑރ. މުހައްމަދު ޒާހިރުގެއެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ، މިއަދުން ފެށިގެން 21 ޖަނަވަރީ 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

ހަމަމިއާއެކު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްއިން ޑައުންލޯޑު ކުރެވޭނެކަމަށް ވެސް ރައީސް އޮފީހުން ފާހަގަކޮށްފައިވެއެވެ.