ކުރިޔަށް އޮތް ފަސް ދުވަހު ދުންފުހުގެ އަސަރު ރާއްޖެމަތީ ހުންނާނެކަމަށް ބެލެވޭކަމަށް މެޓް އޮފީހުން ބުނެފައިވާއިރު ބައެއް ސަރަހައްދުތަކަށް ރަތް ސަމާލު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ނެރެފިއެވެ.

ވައި ނުސާފުވެ ބައެއް ސަރަހައްދުތަކަށް ރަތް ސަމާލު
ވައި ނުސާފުވެ ބައެއް ސަރަހައްދުތަކަށް ރަތް ސަމާލު

އެޗްޕީއޭގެ އިންޑެސްތައް ދައްކާގޮތުން ރާއްޖެ ސަރަހައްދުގައި މިވަގުތު ވައިނުސާފުވާ މިންވަރު ހުރީ މެދުމިންކަމުގައި ބެލެވޭ ރީނދޫ ސަމާލާއި ސިއްހަތަށް ރަނގަޅު ނޫންކަމަށް ބެލެވޭ ރަތް ސަމާލާ ދޭތެރޭގައެވެ. އެޗްޕީއޭ ގެ އިންޑެކްސް ބުނާގޮތުން، އެއާ ކޮލިޓީ އިންޑެކްސް 151 އާއި 200 އާ ދެމެދުގައި ހުރި ހިސާބުތަކަކީ ކ. ވިލިނގިލި އެއީ 167، ދ. ކުޑަހުވަދޫ އެއީ 158 އަދި ލ. ގަން އެއީ 153 އެވެ. ރަތް ސަމާލުގެ މާނައަކީ ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެންނަށްވެސް އޮތުމެވެ. އެހެންކަމުން އެހިސާބުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ އެންމެންވެސް ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލުމާއި އެންމެންވެސް ބޭރަށް ނިކުންނައިރު އެންނައިންޓީފައިވް މާސްކު ނުވަތަ އެފަދަ މާސްކެއް އެޅުމާއި ވައި ނުވަންނަހެން ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލެއްޕުމަށާއި އެއަރ ޕިއުރިފައިއަރ ބޭނުންކުރުމަށް އެދިފައިވެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އިންޑެކްސްތަކަށް ބަލާއިރު އޮރެންޖް ސަމާލު ނެރެފައިވާ ސަރަހައްދުތަކަކީ ށ . ފުނަދޫ އާއި ކ. މާލެ އަދި ފުވައްމުލައް ސިޓީއެވެ. އޮރެންސް ސަމާލުގެ މާނައަކީ 101 އާއި 150 އާ ދެމެދުގެ އިންޑެކްސްގައި ވައި ނުސާފުވާ މިންވަރު ހުރުމެވެ. އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް އެޗްޕީއޭއިން ބުނެއެވެ.

ނާޒުކު ހާލަތުގައިވާ ފަރާތްތައްކަމުގައި އެޗްޕީއޭއިން ބުނެފައިވަނީ ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންނާއި ނޭވާލާ ނިޒާމާއި ހިތުގެ ބައްޔަށް ފަރުވާކުރާ މީހުން އަދި އެލާރޖީ މައްސަލަ ހުންނަ މީހުންނެވެ.

އެހެންކަމުން މި ފަރާތްތައް ބޭރަށް ނިކުންނަންޖެހޭ ހާލަތްތަކުގައި ރައްކާތެރިކަމުގެ ގޮތުން މާސްކު އެޅުމަށާއި ބޭރުގެ ނުސާފު ވައި ނުވަންނަހެން ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލެއްޕުމަށާއި އެއަރ ޕިއުރިފައިއަރ ބޭނުންކުރުމަށާއި ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި ކުޅިވަރުކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރީނދޫ ސަމާލުގައި އޮތީ އައްޑޫ ސިޓީއެވެ.

މިސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ނޭވާލ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި އުޅުމަށް ދުރުހެލިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިފަރާތްތަކުންވެސް ބޭރަށް ނިކުންނަންޖެހޭ ހާލަތްތަކުގައި ރައްކާތެރިކަމުގެ ގޮތުން މާސްކު އެޅުމަށާއި ބޭރުގެ ނުސާފު ވައި ނުވަންނަހެން ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލެއްޕުމަށާއި އެއަރ ޕިއުރިފައިއަރ ބޭނުންކުރުމަށާއި ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި ކުޅިވަރުކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ވަނީ "އައިކިއު އެއާ" އެޕް ބޭނުންކޮށްގެން ވައި ނުސާފު މިންވަރު ބަލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މެޓް އޮފީހުން ބުނީ ރާއްޖޭގެ ސަރަހައްދުތަކަށް، ޚާއްސަކޮށް މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާކަމަށެވެ. ވޭތުވެ ދިޔަ 7 ދުވަހަށް ބަލާއިރު ދުންފުހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ މިއަދުކަމަށް އެއިދާރާއިން ބުނެއެވެ. މެޓް އޮފީހުން އިތުރަށް ބުނީ އެއިދާރާގެ ރިޕޯޓްތަކުގައިވެސް މެދު ރާއްޖެތެރޭގައި ދުރުފެންނަ މިންވަރު ވަނީ 1.5 ކިލޯ މީޓަރަށްވުރެ ދަށްވެފައިކަމަށެވެ.

ކުރިޔަށް އޮތް 5 ދުވަހުވެސް ދުންފުހުގެ އަސަރު ރާއްޖެ މަތީގައި ހުންނާނެތީވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ބޭރުގައި އެކި ހަކަތާތްތަކުގައި އުޅޭ ފަރާތްތަކުން އެޗްޕީއޭ ގެ އިރުޝާދުތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑުދަތުރުކުރާއިރުވެސް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ

މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ރާއްޖޭގެ ސަރަހައްދަށް ވައި ނުސާފުވެ އޮރެންޖު ސަމާލުވެސް ނެރެފައިވެއެވެ.