ހާއްސަ ސިއްހީ ބޭނުންތަކަށް ސިވިލް ސާވިސް މުވައްޒަފުން ޗުއްޓީ ނެގުން މިހާރަަށް ވުރެ އަވަސްކޮށް، ފަސޭހަ ކުރަން ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) އިން އައު އުސޫލެއް ނެރެފިއެވެ.
ސީއެސްސީން އާންމުކޮށްފައިވާ ސާކިއުލާގައި ބުނެފައިވަނީ ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީއަށް މުވައްޒަފުން އެދޭ އިރު އެ މުވައްޒަފަކު މަސައްކަތްކުރާ އޮފީސް މެދުވެރިކޮށް ފޯމް ހުށަހަޅާ ގޮތަށް އޮތުމުން، ޗުއްޓީއާ މެދު ގޮތެއް ނިންމައި މުވައްޒަފުންނަށް އަންގަން ގިނަ ދުވަސްތަކެއް ހޭދަވާ ކަމަށެވެ. އެހެންކަމުން އައު އުސޫލަކީ ޗުއްޓީއަަށް އެދޭ މުވައްޒަފުން މަސައްކަތްކުރާ އޮފީހަށް ކޮޕީކޮށް، ސީދާ ސީއެސްސީއަށް ފޯމު ހުށަހަޅާ ގޮތަށް ބަދަލުކުރުމެވެ.
މިގޮތަށް ބަދަލުކުރުމުން މިހާރަށް ވުރެ އަވަސްވާނެ ކަމަށް ސީއެސްސީން ބުންޏެވެ. "ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ އަށް މުވައްޒަފުން އެދޭ ހާލަތުގައި، އިދާރާތަކުން މަސްއޫލު އޮފީސް މެދުވެރިކޮށް ކޮމިޝަނަށް ހުށަހަޅާގޮތަށް އޮތުމުން، ޗުއްޓީދިނުމާ މެދު ގޮތެއް ކަނޑައަޅައި، މުވައްޒަފުންނަށް އެންގުމަށް ގިނަ ދުވަސްތަކެއް ހޭދަވަމުންދާތީ މި ކަމަށް ހައްލެއް ހޯދުމުގެ ގޮތުން، އިސްވެ ދެންނެވުނު މާއްދާގެ ދަށުން މުވައްޒަފުން ޗުއްޓީއަށް އެދޭ ހާލަތުގައި، އެ މުވައްޒަފެއް މަސައްކަތްކުރާ އިދާރާއަށް ކޮޕީކުރުމަށް ފަހު، ޗުއްޓީ ހަމަޖައްސައިދިނުމަށް އެދި، އެ މުވައްޒަފެއް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމަށް ދެންނެވީމެވެ،" އާންމުކޮށްފައިވާ ސާކިއުލާގައި ބުނެފައިވެއެވެ.
ސީއެސްސީއަށް ފޯމު ހުށަހަޅަންވާނީ ގުޅުންހުރި ލިޔެކިޔުންތަކާއެކު ޗުއްޓީ ފަށަން ބޭނުންވާ ތާރީހުގެ 15 ދުވަސް ކުރިން ކަމަށް ވެސް އެ ސާކިއުލާގައި ބުނެފައިވެއެވެ.