މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން އެހީ ދިނުން މަޑު ޖައްސާލި މީޑިއާގެ މައްސަލަ ޔޫތް މިނިސްޓްރީ އަށް ފޮނުވައިފިކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ން ބުނެފިއެވެ.
އެމްއެމްބީސީ އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ 2025 ވަނަ އަހަރު މީޑިއާތަކަށް މާލީ އެހީތެރިކަންދޭ މީޑިއާ ތަކުގެ ތެރެއިން އެހީތެރިކަން ދިނުން މަޑު ޖައްސާލި މީޑިއާގެ މައްސަލަ ބެލުމަށްފަހު ޔޫތް މިނިސްޓްރީ އަށް މިޔަދު ފޮނުވާފައިވާކަމަށެވެ.
މީގެ އިތުރުން އެމްއެމްބީސީ އިން ބުނީ އަމިއްލަ މީޑިއާ ތަކަށް 2025 ވަނަ އަހަރުދޭ މާލީ އެހީތެރިކަމަށް ޝަރުތު ހަމަވާ ހުރިހާ މީޑިއާއެއްގެ މައުލޫމާތާއި މީޑިއާ ތަކަށް ލިބޭ ފައިސާގެ އަދަދު އެމްއެމްބީސީ އިން، މިނިސްޓްރީ އޮފް ޔޫތް އެމްޕަވާމެންޓް އިންފޯމޭޝަން އެންޑް އާޓްސް އަށް ހިއްސާ ކޮށްފައިވަނީ 2025 ޑިސެމްބަރ 30 ވަނަ ދުވަހުގައި ކަމަށެވެ.
ނަމަވެސް ޝަރުތު ހަމަވެފައިވާ 41 އެޕްލިކޭޝަންގެ ތެރެއިން 2 އެޕްލިކޭޝަން އަކީ އެއް މީޑިއާ ހައުސް އެއްގެ ދަށުން ހިންގަމުންދާ 2 އޮންލައިން މީޑިއާ އަކަށް ނިސްބަތްވާ 2 އެޕްލިކޭޝަން ކަން ފާހަގަކުރެވިފައިވަކަމަށާއި މިކަމާ ގުޅޭ މައުލޫމާތު އޮޅުންފިލުވައި، އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް، އެމްއެމްބީސީ އިން ބަލައި ދިރާސާކޮށް، ކޮމިޝަނުގައި މަޝްވަރާ ކުރުމަށްފަހު ނިންމާފައިވަނީ، އެ 2 އެޕްލިކޭޝަންގެ ތެރެއިން އެންމެ ގިނައިން މާކްސް ލިބިފައިވާ އެޕްލިކޭޝަން އަށް 2025 ވަނަ އަހަރު މީޑިއާ ގްރާންޓަށް ޝަރުތު ހަމަވި އެހެން މީޑިއާތަކާއި މެދުވެސް އަމަލު ކޮށްފައިވާ ގޮތަށް އަމަލު ކުރުމަށްކަމަށް އެމްއެމްބީސީ އިން ބުނެއެވެ.
އެގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އާ ވާހަކަ ދައްކައިގެން މީޑިއާ ގްރާންޓުގެ ފައިސާ އެ މީޑިއާ އަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް، ޔޫތް މިނިސްޓްރީ ގައި އެމްއެމްބީސީ އިން އެދިފައިވާކަމަށް އެމްއެމްބީސީ އިން މައުލޫމާތުދެއެވެ.
ހަމަ މިއާއެކު އެމްއެމްބީސީ އިން ބުނީ 2025 ވަނަ އަހަރު މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށް ކުރަމުންދާ މަސައްކަތުގައި ބައެއް އިދާރީ މައްސަލަތައް ކުރިމަތިވުމުގެ ސަބަބުން އެކަން ކަން ހައްލުކުރުމުގެ މަސައްކަތް އެމްއެމްބީސީ އިން ޔޫތް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންގޮށްފައިވާކަމަށެވެ. އަދި އެކަންކަމާއި ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިއަދު ހވީރާ ހަމައަށް ކޮށް ނިންމައިފަވާކަމަށް އެމްއެމްބީސީ އިން ފާހަގކޮށްފައިވެއެވެ.
އެމްއެމްބީސީ އިން ބުނީ މީޑިއާތަކަށް 2025 ވަނަ އަހަރު ދޭ މަލީ އެހީތެރިކަން ލިބޭނީ ޖުމްލަ 40 މީޑިއާ އަކަށް ކަމަށެވެ. އަދި މިހާރު އެހެން މީޑިއާތަކަށް ފައިސާ ދޫކުރުމުގެ މަސައްކަތް ފަށައިފައިވާކަމަށް ވަނީ ބުނެފައެވެ.
ހަމަ މިއާއެކު މީޑިޔާއަކަށްދޭ މާލީ އެހީ ދޫކުރާނީ ޔޫތު މިނިސްޓްރީ އާއި އެމްއެމްބީސީ އާއި ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެޕްލިކޭޝަން ހުށަހެޅި މީޑިޔާތަކުގެ މައުލޫމާތު ޔޫތު މިނިސްޓްރީ އާ ހިއްސާކުރުމުން އެމިނިސްޓްރީން ފިނޭންސް މިނިސްޓްރީއަށް ފޮނުވުމުންކަމަށް އެމްއެމްބީސީ ފާހަގަކޮށްފައިވެއެވެ. އެގޮތުން މިއަހަރު މާލީ އެހީ ލިބޭ މީޑިޔާތަކަށް ލިބޭ އަދަދު 1 ޕޭމަންޓްގެ ގޮތުގައި ލިބޭނެކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.