ތިން މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯނީގެ އަލިފާންގަނޑު ނިއްވާލާފައިވާކަމަށާއި، އެއްވެސް މީހަކަށް އަނިޔާވެފައިނުވާކަމަށް ފުލުހުން ބުނެއެވެ.

ކ.ގަމަރުގިރި ކައިރިން ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނީ މިރޭ 7:57 ހާއިރުއެވެ.

އޭގެފަހުން ފުލުހުން ބުނީ އެކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިރޭ 7:10 ހާއިރުކަމަށެވެ. ރޯވި އަލިފާން ނިއްވާލީ ކައިރި ރިސޯޓެއްގެ މުވައްޒަފުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުންކަމަށް ފުލުހުން ބުނެއެވެ.

މިހާދިސާ ހިނގިއިރު ދޯނީގައި ތިބީ ދިވެހި ކެޕްޓަނާއި ދެ ބިދޭސީންނެވެ.

މިހާދިސާގައި ދޯންޏަށް ބޮޑު ގެއްލުމެއް ލިބިފައިނުވާކަމަށްވެސް ފުލުހުން ބުނެއެވެ.

މިހާދިސާ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.