އިރާނަށް ކުރިމަތިވެފައިވާ އިގްތިޞާދީ ދަތިތަކާއެކު އެގައުމުގެ ރައްޔިތުން ކުރަމުންދާ ދިގުދެމިގެންދާ މުޒާހަރާގައި ދުޝްމަނުންނަށް ވާގިވެރިވެ އިރާނުގެ ސަރުކާރާ ދެކޮޅަށް ކަންކަން ކުރާނަމަ ދޫދިނުމެއް ނޯންނާނެކަމަށް ވިދާޅުވީ އިރާނުގެ އިސް ޖަޖު އިންޒާރު ދެއްވައިފިއެވެ.
އިރާނުގެ ސަރުކާރުގެ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އިރާނުގައި މިހާރު ހިނގަމުންދާ މުޒާހަރާތަކަށް ވާގިދެނީ އެމެރިކާ އާއި އިސްރާއީލެވެ. އަނެއްކޮޅުން އެމެރިކާ އާއި އިސްރާއީލުންވެސް ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް ހައްޔަރުކޮށް އެތައް ބަޔަކު މަރުވަމުންދާތީ އެފުރުސަތު އިރާނުގެ ސަރުކާރަށް ނުދޭނެކަމަށް ބުނެ އިންޒާރު ދީފައެވެ.
މުޒާހަރާތަކުގައި އެތައް ބަޔަކު ހައްޔަރުކޮށް މަރުވަމުން އަންނައިރު އިރާނުގެ ފަރ ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި އިރާނުގެ ޗީފް ޖަސްޓިސް ގޮލާމްހުސައިން މުހުސެނީ ވިދާޅުވީ އެމެރިކާ އާއި އިސްރާއީލުން ދައްކަމުންދާ ވާހަކަތާއެކު މުޒާހަރާކުރާ ފަރާތްތަކަށް އިތުރު ހުއްޖަތެއް ދެއްކެން ނެތްކަމަށެވެ.
އެތައް ބަޔަކު ހައްޔަރުކުރަމުންދާތީ އިރާނަށް ކުރިމަތިވަމުން އަންނަ ބައިނަލްއަގްވާމީ ޕްރެޝަރ ބޮޑުވެފައިވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފްތާގައި ވަނީ މުޒާހަރާގެ ބައިވެރިން މަރާކަމަށްވާނަމަ އެމެރިކާއިން އެކަމުގެ ތެރެއަށް ވަންނާނެކަމަށް ބުނެ އިންޒާރު ދީފައެވެ.
އަނެއްކޮޅުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫވެސް ވަނީ މުޒާހަރާގެ ބައިވެރިންނަށް ސަޕޯޓްކޮށް މިއީ އިރާނުގެ ރައްޔިތުން އެމީހުން އަމިއްލައަށް ގޮތް ނިންމަންވީ ވަގުތުކަމަށް ބުނެފައެވެ.
އިރާނުގެ ޗީފް ޖަސްޓިސް މިމޭރުމުން އިންޒާރުދެއްވިއިރު އިރާނުގެ އަސްކަރިއްޔާގެ ކޮމާންޑަރ އިން ޗީފް މޭޖާ ޖެނެރަލް އާމިރު ހަތާމީވެސް ވަނީ އިރާނުގެ އަސްކަރިއްޔާގެ އެކަޑަމީގެ ކުދިންނަށް މުޚާތަބުކުރައްވަމުން ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ މީހުންގެ އަތް ކަނޑާނެކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.
ހަތާމީ ވިދާޅުވީ އިރާނުގެ އަސްކަރިއްޔާ އޮތީ 12 ދުވަހުގެ ހަނގުރާމައިގެ ކުރިޔަށްވުރެ މާ ބޮޑަށް ތައްޔާރު މާ ވަރުގަދަކޮށްކަމަށެވެ. ދުޝްމަނުން އިރާނަށް އިސްވެ ހަމަލާއެއް ދީފިނަމަ ނުވަތަ އެކަމަށް މަގުފަހިވާ ކަމެއްކޮށްފިނަމަ އެކަމުގެ ރައްދު ހަމަލާ ވަރުގަދަވާނެކަމަށް ވިދާޅުވިއެވެ.
މުޅި އިރާނުގައި ހިނގަމުންދާ މުޒާހަރާތަކުގައި އެތައް ބަޔަކު މަރުވެފައިވާއިރު މިމުޒާހަރާތައް ފެށިފައިވަނީ މިދިޔަ އަހަރު ފަހުކޮޅުއެވެ. މުޒާހަރާތައް ފެށުނީ އިރާނުގެ ކަރަންސީގެ އަގު ދަށްވެ އެކަމުގެ ރުޅީގައި ތެހެރާންގެ ގްރާންޑް ބާޒާރުގެ ވިޔަފާރިތައް ބަންދުކުރުމާއެކު އެވެ. އެތައް އަހަރެއް ވަންދެން އިރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އިގްތިޞާދީ ގޮތުން ހިންދެމުލުމުގެ ފުރުސަތެއް އިރާނަކަށް ނުލިބެއެވެ.
މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު އިރާނުގެ ސަރުކާރުން އަދި މިހާތަނަށް އައިއިރު ހާމަކޮށްފައި ނުވާއިރު ހިޔުމަން ރައިޓްސް އެކްޓިވިސްޓް ނެޓްވޯކަކުން ބުނެފައިވާ ގޮތުގައި މުޒާހަރާތަކުގައި މަދުވެގެން 36 މީހުން މަރުވެ 2076 މީހުން ވަނީ ހައްޔަރުކޮށްފައެވެ.
އިރާނުގެ ސްޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއި ވަނީ ދުޝްމަނުން ބޭނުންވާ ފުރުސަތު ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ރުޅިގަދަވެފައި ތިބި އާންމު ރައްޔިތުން ފިނިކުރުމަށް އިރާނު ސަރުކާރުން ވަނީ އެންމެ އަސާސީ ކާބޯތަކެއްޗަށް 7 ޑޮލަރުގެ ސަބްސިޑީއެއް ދޭނެކަމަށް ބުނެފައެވެ. ނަމަވެސް އިރާނުގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އެ ފިޔަވަޅަކީ އެދެވޭ ފިޔަވަޅެއް ނޫނެވެ.