ފިޠުރު ޒަކާތް ބަލައިގަތުމަށް މޯލްޑިވްސް ޒަކާތު ހައުސްއާއި އަވަސް އެންޓަޕްރައިސަސްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ އާންމުންނަށް ފަސޭހަކަމާއެކު ޒަކާތް ދެއްކޭނެ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، އަވަސް އެންޓަޕްރައިސަސްގެ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ފިޠުރު ޒަކާތް ބަލައިގަތުމަށް މޯލްޑިވްސް ޒަކާތު ހައުސްއާއި އަވަސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާކަމަށެވެ.

މި ފަހުމުނާމާގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ، ޒަކާތު ހައުސްގެ ފަންޑު މެނޭޖަރ ޢަބްދުﷲ ޢަލީ ކަމަށާއި އަވަސް އެންޓަރޕްރައިސަސް ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޔާނިއު ރަމީޒް އެވެ.

މީގެ އިތުރުން މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ޒަކާތް ދައްކާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ މަގުތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވާ މި ފަހުމުނާމާގެ ދަށުން، އަވަސް އެންޓަޕްރައިސަސްގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފިޠުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް މިއަހަރުގެ ރަމަޟާން މަހުން ފެށިގެން ރަސްމީކޮށް ފެށޭނެކަމަށް ޒަކާތު ހައުސް އިން ފާހަގަކޮށްފައިވެއެވެ.

މި ފަހުމުނާމާގައިވާ ގޮތުން، އަވަސް އެންޓަޕްރައިސަސްގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ޒަކާތް ދައްކާއިރު އާންމުންގެ އަތުން އެއްވެސް އިތުރު ފީއެއް ނުނަގާނެކަމަށާއި އެ ޕްލެޓްފޯމުތަކުން ބަލައިގަންނަ ޒަކާތުގެ ފައިސާ މޯލްޑިވްސް ޒަކާތު ހައުސްއަށް ބަދަލުކުރުމުގައިވެސް އަވަސް އެންޓަޕްރައިސަސްއިން އެއްވެސް ފީއެއް ނުނަގާނެކަމަށް ޒަކާތު ހައުސް އިން ބުނެއެވެ. އަދި މިކަމުގެ މަޤްޞަދަކީ ޒަކާތް ދައްކާ ފަރާތްތަކުން ދައްކާ ފައިސާ ޒަކާތުގެ ބެހެނިވެރީންނަށް ފުރިހަމައަށް ފޯރުކޮށްދެވޭނޭކަން ކަށަވަރުކުރުން ކަމަށް ޒަކާތު ހައުސް އިން ބުނެއެވެ.

މީގެ އިތުރުން މިއީ ޒަކާތުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، އާންމުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށް ޒަކާތު ހައުސްއިން ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށް ފާހަގަކޮށް ޒަކާތު ހައުސް އިން ބުނީ އިތުބާރު ހުރި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ބޭނުން ހިފައިގެން، ޒަކާތް ދެއްކުމުގެ ކަންކަން ފަސޭހަ، ދެފުށް ފެންނަ އަދި ހަލުވި ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަކީ ޒަކާތު ހައުސްގެ އަމާޒެއްކަމަށެވެ.

ހަމަ މިއާއެކު އަވަސް އެންޓަޕްރައިސަސްއާއެކު ވެވުނު މި ބައިވެރިވުމަކީ، ޝަރުޢީ ހަމަތަކުގެ މަތިންނާއި އާންމުންގެ އިތުބާރު ދަމަހައްޓަމުން، ޒަކާތް ބަލައިގަތުމާއި ބެހުމުގެ ނިޒާމު ޒަމާނީ ކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ގެންގުޅޭ ތަޞައްވުރު ރަމްޒުކޮށްދޭ ކަމެއްކަމަށް ޒަކާތު ހައުސް އިން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ޒަކާތުގެ ޚިދުމަތްތަކަކީ ބޭނުންކުރަން ފަސޭހަ އަދި އެންމެންނަށް ބައިވެރިވެވޭ ޚިދުމަތްތަކަކަށް ހެދުމަށާއި، ޒަކާތުގެ ފައިސާ ވަގުތުން ބަލައިގަނެ، ޒަކާތުގެ ބެހެނިވެރީންނަށް އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ޒަކާތު ހައުސްއިން ދަނީ އައު އީޖާދީ ހައްލުތަކާއި އިސްތިރާޖީ ގުޅުންތައް ގާއިމުކުރަމުންކަމަށް ޒަކާތު ހައުސް އިން ބުނެއެވެ.