ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެ ރަތް އެލާޓު ނެރެފައިވާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފި އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސްގެ ތަފާސް ހިސާބުތަކާ ހަވާލާ ދީ އެޗްޕީއޭއިން ބުނީ ރާއްޖޭގެ ސަރައްހަދުތަކަށް، ހާއްސަކޮށް މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހުގެ ނުވަތަ "ހޭޒް"ގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް 5 ދުވަހު ވެސް "ހޭޒް"ގެ އަސަރު ރާއްޖޭގެ ސަރަޙައްދުގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
ވައިގެ ނުސާފުކަން އަންގައިދޭ އައިކިއު އެއާގެ އަދަދުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ސަރަހައްދަށް އެއާ ކޮލިޓީ އިންޑެކްސް މިވަގުތު ހުރީ 168 ގަ އެވެ. ރަތް އެލާޓުކަމަށް ދައްކާނީ އެއާ ކޮލިޓީ އިންޑެސް 151 އާއި 200އާ ދޭތެރޭ ހުރުމުންނެވެ. އެއާ ކޮލިޓީ އިންޑެކްސް 51އަށް ވުރެ މައްޗަށް އަރައިފިނަމަ ޔެލޯ އެލާޓް ނެރޭނެ އެވެ. އާންމު ސިއްހަތަށް ނުރައްކާ ނުވާނެކަމަސް ވައިގެ ސާފުކަން ހުންނާނީ އެއާ ކޮލިޓީ އިންޑެކްސް 51އަށް ވުރެ ދަށްވުމުންނެވެ.
މިކަމާ ގުޅިގެން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެނަށްވެސް ބޮޑުކަމަށެވެ. އެގޮތުން ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަވަގުތު ހޭދަ ނުކުރުމަށާއި ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތްތައްކުގައި ރައްކާތެރި މާސްކު އެޅުމަށް އިލްތިމާސްކޮށްފައިވެއެވެ.
ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށާއި ތުއްތު ކުދިން ބޭރަށް ނުނެރުމަށް އިލްތިމާސްކޮށްފައިވެއެވެ. މީގެއިތުރުން، ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލުމަށް ވެސް މެޓް އޮީފީހުން އިލްތިމާސްކޮށްފައިވެއެވެ.
އިރުވައި މޫސުން ފެށޭ ދުވަސްވަރާ ދިމާކޮށް ޢާންމު ގޮތެއްގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ނުސާފުވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައިވެސް ވައި ނުސާފުވެ، ހަމަލޮލަށް ފެންނަ ދުރުމިން 3 ކިލޯމީޓަރަށް ދަށްވިއެވެ.