އާރުއެސްޑަބްލިއު ސިސްޓަމާއިއެކު މަހުގެ ކޮލެޓީ އިތުރުވެ، ރާއްޖެއިން ބޭރު ކުރާ މަހަށް ލިބޭ އަގު ރަގަޅުވެފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް، (މިފްކޯ)ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ފަރުޙަތު ޝަހީރު ވިދާޅުވެއްޖެއެވެ.

ފަރުހަތު މިފަދައިން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ފަރުޙަތު ވަނީ، ފާއިތުވި 2025 ވަނަ އަހަރު މިފްކޯއިން މަސްވެރިންގެ ލާބައާއި މަންފާއަށްޓަކައި ކުރި ބައެއް ކަންތައްތައް ހިއްސާކުރައްވާފައެވެ. އޭގެތެރޭގައި 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދެއްވުމަށް ރައީސް ނިންމެވި ނިންމެވުން އޭނާ ފާހަގަކުރެއްވިއެވެ.

ފަރުޙަތު ވިދާޅުވީ، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން މިހާތަނަށް މެދުނުކެނޑި 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެމުން އަންނަ ކަމަށެވެ. 10 ޑިސެމްބަރ 2024 އިން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް 63،069 މެޓްރިކް ޓަނަށްވާ 973 މިލިޔަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން 1 ކިލޯއިން މަތީގެ ހުރިހައި މަހެއް މިހާރު ގަންނަމުން ދަނީ، 16 ރުފިޔާއިން މަތިންކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ބަދަލާއިއެކު އެކި ބަނދަރުތަކުން އެކި ވަގުތު ސަޕްލައިއާއި ޑިމާންޑާއި އެއްވަރަށް 16 ރުފިޔާ އަށްވުރެ މަތިން މަސް ގަތުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވިފައެވެ.