ރާއްޖޭގެ ވައި އިންތިހާއަށް ނުސާފުވެ ވައިގެ ދަތުރުފަތުރުތަކަށް ހާއްސަކޮށް ސީ ޕްލޭން ދަތުރުތަކަށްބުރޫ އަރާކަމަށް އޭވިއޭޓާސް މޯލްޑިވްސްއިން ހާމަކޮށްފި އެވެ.
ވައިގެ އުދުހުންތަކުގެ މައުލޫމާތު ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ އޭވިއޭޓަސް މޯލްޑިވްސްއިން ބުނީ އިންޑިއާގެ އުތުރުން އަންނަ ނުސާފު ވައިގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދޭތެރެއަކުން ވިޒުއަލް ފްލައިޓް ރޫލްސް (ވީއެފްއާރު) ސަސްޕެންޑު ކުރަމުން އަންނަ ކަމަށެވެ. ވީއެފްއާރް އަކީ ވައިގެ ދަތުރުފަތުރުތައް ކުރުމުގައި ޕައިލަޓުން އަމަލު ކުރަންޖެހޭ އުސޫލުތަކެވެ. އަދި އޭގެ ބަދަލުގައި ހާއްސަ ހާލަތްތަކުގައި ބޭނުންކުރާ 'ސްޕެޝަލް ވީއެފްއާރް' ބޭނުން ކުރަން ޖެހޭ ކަމަށް އޭވިއޭޓާސް އިން ލިޔެފައިވެ އެވެ.
ރާއްޖޭގެ ވައި ނުސާފުވުމުގެ ސަބަބުން ދުރު ފެންނަ ނިސްބަތް ނުވަތަ ވިސިބިލިޓީ އާންމުކޮށް 4 ކިލޯމީޓަރަށް ދަށްވާ ކަމަށާއި ފާއިތުވި ދުވަސްތަކުގެ ތެރޭގައި ބައެއް ސަރަހައްދުތަކުގައި މި މިންވަރު 2 ކިލޯމީޓަރަށް ވުރެ ވެސް ދަށްވެފައިވާ ކަމަށް އޭވިއޭޓާސް އިން ބުނެ އެވެ.
'ސްޕެޝަލް ވީއެފްއާރް' ބޭނުންކުރަނީ ދުރު ފެންނަ ނިސްބަތް އާންމު ވީއެފްއާރް މިންގަނޑަށް ވުރެ ދަށްވި ނަމަވެސް، ޕައިލެޓުންނަށް ބިމުގެ ސަތަހަ ފެންނަ ފަށުގައި ތިބެ އަދި އެއާ ޓްރެފިކް ކޮންޓްރޯލްގެ ސީދާ ހުއްދައަކާއެކު ކޮންޓްރޯލް ޒޯނެއްގެ ތެރޭގައި އުދުހުމުގެ ފުރުސަތު ދޭ އުސޫލެއްގެ ގޮތުގައި ކަމަށް އޭވިއޭޓާސް އިން ބުނެފައިވެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މި އުސޫލު މިހާރު ބޭނުންކުރަމުންދަނީ، ރައްކާތެރިކަމުގެ އެންމެ ދަށް މިންގަނޑުތައް ހިފަހައްޓަމުން، މުހިންމު ދަތުރުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށެވެ.
މިއީ އާންމުކޮށް ބޭނުންކުރަން އޮންނަ އުސޫލެއް ނޫން ކަމަށާއި މިއީ ހާއްސަ ހާލަތްތަކުގައި ބޭނުންކުރާ އިސްތިސްނާ އުސޫލެއްކަމަށް ބުނެފައިވެ އެވެ. މި އުސޫލު ތަކުރާރުކޮށް ބޭނުންކުރަން ޖެހުމުން ދޭހަވަނީ މިހާރު ކުރިމަތިވެފައިވާ ފުސްކަމުގެ ނުރައްކާތެރި މިންވަރުކަމަށް ބުނެފައިވެ އެވެ.
އޭވިއޭޓާސް އިން ބުނީ ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ ބާރުބޮޑު ސީޕްލޭން ވިއުގަ އޮންނަ އެއް ގައުމު ކަމަށާއި ރާއްޖޭގައި ހަރަކާތްތެރިވާ މައިގަނޑު ހަތަރު ސީޕްލޭން އޮޕަރޭޓަރުން ރިސޯޓުތަކާއި ވެލާނާ އެއާޕޯޓާ ދެމެދު ވަރަށް ގިނަ އަދަދެއްގެ ދަތުރުތައް ކުރާ ކަމަށެވެ. މި އޮޕަރޭޝަންތަކަކީ މުޅިންވެސް ވީއެފްއާރް އަށް ބަރޯސާވާ، ބިމާ ކައިރިން ތިރިން ކުރާ ދަތުރުތައް ކަމަށާއި ގިނަ ފަހަރަށް މި ދަތުރުތައް ކުރަން ޖެހެނީ ބާރުބޮޑު އަދި ބައެއް ފަހަރު ކޮންޓްރޯލް ނުކުރެވޭ ވައިގެ ސަރަހައްދުތަކުގައި ކަމަށް އޭވިއޭޓާސްއިން ލިޔެފައިވެ އެވެ.
އޭވިއޭޓާސް އިން ބުނީ ދުރު ފެންނަ ނިސްބަތް ދަށްވުމުގެ މި ގޮންޖެހުންތަކަކީ އާ ކަމެއް ނޫން ކަމަށާއި މިއީ ރާއްޖޭގެ ސަރަހައްދަށް ފުސްކަން ވެރިވާ ކޮންމެ ފަހަރަކު ކުރިމަތިވާ ދުވަސްވީ ކަންބޮޑުވުމެއް ކަމަށެވެ.